ގައުމީ ސަލާމަތާއި ފަރުދުންގެ ރައްކާތެރިކަމަކީ ސަމާސާއަކަށް ވެގެން ނުވާނެ ކަންކަން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގެ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތިކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި އާދަމް ޝަރީފު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ އެކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ.
ގައުމީ ސަލާމަތާއި ފަރުދުންގެ ރައްކާތެރިކަމަކީ ސަމާސާއެއް ނޫން ކަމަށާއި، އެއީ ވަރަށް ސީރިއަސް ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ގައުމީ ސަލާމަތާއި ގުޅޭ ކަންކަމަކީ މިރިނުވެ ގޮބޮޅި ކާށި ވާ ފަދައިން ސަމާސާ ކަމަކަށް ވެގެން ނުވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާން ފެށީ އިއްޔެއިން ފެށިގެންނެވެ. އިއްޔެ ގައުމީ ދިފާއީ ބާރުން އާންމު ކުރި ނޫސްބަޔާނެއްގައި ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.
އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން ގެންނަ އެލާޓެކެވެ. އެންއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.