ސަރުކާރުން އަމިއްލައަށް ރައްޔިތުން އަތުން ޓެކްސް ނަގަނީ ނޫން ކަމަށާއި އެކަމަށް ސަރުކާރަށް މަޖުބޫރު ކުރުވަނީ ރައްޔިތުން ކަމަށް، މަޝްހޫރު ވިޔަފާރި ވެރިޔާ، ޗަމްޕާ މުހައްމަދު މޫސާ، (އުއްޗު) ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ރާއްޖެ ޓީވީން ކުރިޔަށް ގެންދިޔަ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އުއްޗު ވިދާޅުވީ ޓެކްސަކީ ނަގަން ޖެހޭ އެއްޗެއް ކަމަށާއި އެކަން ކުރަން ޖެހޭ މައިގަނޑު ސަބަބަކީ ރައްޔިތުން އެކަމަށް އެދޭތީ ކަމަށެވެ.
"މިވާގޮތަކީ އެނގިގެން ނަމަވެސް ނޭނގި ނަމަވެސް، ޓެކްސް ނަގަން ސަރުކާރުގައި މި އެދެނީ ރައްޔިތުން. ރައްޔިތުން ސަރުކާރަށް މަޖުބޫރުކުރުވަނީ. ސަރުކާރުން އަމިއްލައަށް ޓެކްސް ނަގަނީއެއް ނޫން." އުއްޗު ވިދާޅުވި އެވެ.
އުއްޗު ވިދާޅުވީ، މިއަދު ރާއްޖޭގެ ކަންކަން މި ހުރި ހިސާބަށް ބަލާއިރު ރައްޔިތުންގެ ބޭނުންތައް ކުރިޔާ ހިލާފަށް ގިނަވެއްޖެ ކަމަށާއި އެބޭނުންތައް ފުއްދައިދޭން ރައްޔިތުން އަބަދާއި އަބަދު އެދެމުން އަންނަ ކަމަށެވެ. އެހެން ކަމުން ކޮންމެ ގޮތެއް ހަދައިގެން ވެސް އެބޭނުންތައް ފުއްދައިދޭން ސަރުކާރަށް ޖެހޭ ކަމަށާއި ޓެކްސް ނަގަން ސަރުކާރަށް މަޖުބޫރު ވަނީ އެހެންވެ ކަމަށެވެ. އެހެންވީމަ ސަރުކާރުން ޓެކްސް މި ނެގެނީ ނުވަތަ ނަގަނީ ރައްޔިތުން ބުނެގެން ރައްޔިތުން އެކަމަށް އެދިގެން ކަމަށް އުއްޗު ފާހަގަކުރެއްވި އެވެ.
މިއަދުގެ ޕްރޮގްރާމްގައި އުއްޗު ވިދާޅުވީ، މަސައްކަތުގައި އޭނާ ދުވާލަކު ގާތްގަނޑަކަށް 20 ވަރަކަށް ގަޑި އިރު ހޭދަކުރައްވާ ކަމަށެވެ. އެންމެ ލަހުން ނިދިކުރައްވައި އެންމެ އަވަހަށް ތެދުވެވަޑައިގަންނަވާ އެއް ބޭފުޅަކަށް އޭނާ ވެވަޑައިގަންނަވާނެ ކަމަށް އުއްޗު ވިދާޅުވި އެވެ. އެ ގޮތުން އޭނާގެ ކޮމާންޑަރަކީ "އިރު" ކަމަށާއި އިރު އެރުމުގެ ކުރީން ތެދުވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކޮމާންޑަރަކީ އިރު. އިރު އަރާއިރު އަޅުގަނޑު ހުންނާނީ ތެދުވެ. ދުވާލުގެ ވަގުތުގައި އަރާމުކުރަން ނިދުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށް ގަބޫލެއް ނުކުރަން. މަސައްކަތް ކުރަމުން ވެސް ބައެއް ކަންކަން ކޮށްލީމަ ފްރެޝް ވާނެ." އުއްޗު ވިދާޅުވި އެވެ.