ޚަބަރު

ރައްޔިތުންނާއި ގައުމަށްޓަކާ ނުކުންނަ ކޮންމެ ފަހަރަކު ހުރަސްއަޅައި އަނިޔާދޭ: ގާސިމު

2

ރައްޔިތުންނާއި ގައުމަށްޓަކާ ނުކުންނަ ކޮންމެ ފަހަރަކު އެކަމަށް ހުރަސް އަޅައި އަނިޔާދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ގުޅުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ، ޖޭޕީގެ ހަޔާތުން 13 އަހަރު ފާއިތުވެގެންދިޔައިރު އެޕާޓީން އަަބަދުވެސް މަސައްކަތް ކުރަމުންދަނީ އިހްލާސްތެރިކަމާއެކު ގައުމަށާއި ރައްޔިތުންނަށް އަދި ދީނަށާއި ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތައިގެން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ގައުމުގެ މިނިވަންކަމާއި އިންސާފު ހޯދައިދިނުމަށް ކަމަށެވެ.

ނަމަވެސް ޖޭޕީ އާއި އޭނާގެ އެ މަސައްކަތަކީ އަމިއްލަ އެދުމެއް އޮވެގެން ކުރާ ކަމެއް ކަމަށް ބުނެ، ޖެއްސުންކޮށް މަލާމާތްކޮށް، ބަލިކުރަން މަސައްކަތްކުރާ ކަމަށާއި އަދި އެ މަސައްކަތުގެ ތެރެއިން ބޮޑެތި ލޮޓިޔާއި އަނިޔާ ވެސް ލިބިފައިވާ ކަމަށް ގާސިމު ވިދާޅުވިއެވެ. އަދި އެކަން 2008 ވަނަ އަހަރާއި އޭގެ ކުރިން ވެސް ފެންނަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ، މަދު ބަޔަކު އެކަން ގަބޫލުނުކުރި ނަމަވެސް އޭނާގެ އެ މަސައްކަތަކީ މިނިވަން ޑިމޮކްރަސީ އުސޫލުތަކާއެކު ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް، ދެފުށް ފެންނަ ގޮތަކަށް ކުރުމަށްކުރާ މަސައްކަތްކަން ހޭބުއްދިހުރި ކޮންމެ ރައްޔިތަކު ގަބޫލުކުރާނެ ކަމަށެވެ.

"ހޭބުއްދިހުރި މީހަކު، ވިސްނުމުގެ ނަޒަރިއްޔާތަކުން ވިސްނައިފިނަމަ ވަރަށް ސާފުކޮށް އެނގޭނެ އަޅުގަނޑު މި މަސައްކަތް ކުރަނީ މި ދިވެހި ރައްޔިތުންގެ ހައްގުގައިކަން، ދިވެހި ރައްޔިތުންނަށްޓަކާކަން. ހަމަ އެކަނި ނަމަކުން ނޫންކަން، ކަމުންވެސް ބަހުންވެސް އަމަލުންވެސް އެކަން ސާބިތުވާކަން، ހަތަރު ފަރާތުން ފަރިވެފޮޅެނީ އެ ކަންތައްކަން. އެއީ ދައުލަތުގެ މުއައްސަސާއަކަށް ކަމަށްވިޔަސް، އެއީ ދައުލަތުގެ ރައްޔިތަކަށްވިޔަސް ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މިކަން ސާފުކޮށް އެނގިގެންދާނެ. އަޅުގަނޑަށް ފައިދާ ބޮޑީ، އަޅުގަނޑުގެ އަމިއްލަ ނަފްސާ އަނބިދަރިންނަށް، އަޅުގަނޑުގެ މުދަލަށް ރައްކާތެރިކަން ބޮޑީ އަޅުގަނޑު މިވާހަކަތައް ނުދައްކާ، އަޅުގަނޑު މިކުރާ މަސައްކަތް މިގޮތަށް ނުކުރުންކަން،" ގާސިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ފެށި މަސައްކަތުން ކިތަންމެ ހުރަސްތަކާ ކުރިމަތިވި ނަމަވެސް ނަތީޖާ ފެންނަމުންދާ ކަމަށާއި އެހެންކަމުން ހިތްއެދެނީ އިސްލާހީ މަސައްކަތުގައި ހުރުމަށް ކަމަށެވެ. އަދި އަމިއްލަ ނަފްސަށް އިސްލާހީ މަސައްކަތް ނުކޮށް، ބަހެއް ނުބުނެ، އެހެން މީހުން ގޮތަށް "އާދެ މަސާހިބު" ކިޔާލައިގެން ގޭގައި އޮންނަނަމަ، ދަރިންނަށާއި އަނބިންނަށް އަދި މުދަލަށް ވެސް މަންފާ ބޮޑުވާނެ ކަމަށް ވެސް ގާސިމު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟