ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތިކުރި ސަބަބު ރައްޔިތުންނަށް ހާމަކޮށްދޭން އިދިކޮޅުން ގޮވާލައިފިއެވެ.
މިއަދުން ފެށިގެން ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތިކޮށް، ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށާނެކަން ދިފާއީ ބާރުން މިރޭ ވަނީ އަންގައިފައެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތުރެޓެއް އޮވެގެން އެޅި ފިޔަވަޅެއް ނޫން ކަމަށް ދިފާއީ ބާރުން ވަނީ ބުނެފައެވެ.
އިދިކޮޅުން ހ. ހުރާފައިގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިއީ ކޮންކަމާ ގުޅިގެން، ކީއްވެގެން ކުރާކަމެއްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިފަދަ އޮޕަރޭޝަނެއް ހިންގާ އިރު، ރައްޔިތުންނަށް އެބަޖެހޭ މި ކަންކަމަކީ ކޮން މަގުސަދެއްގައި ހިންގާ ކަމެއްކަން ރައްޔިތުންނަށް އަންގަވައިދެއްވަން. އެހެން ނޫނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަމެއް ކުރިމަތިވެދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އެމްއެންޑީއެފްގެ އެ އެންގުމާ ގުޅިގެންރާއްޖޭގެ އެކި ކަންކޮޅުތަކުން ސުވާލުކުރަމުންދާ ކަމަށާއި ރާއްޖޭގެ ކަންކޮޅުތަކުގެ ކަންބޮޑުވުމަކީ ޕީޕީއެމް، ޕީއެންސީގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އަދި މިފަދަ ގޮތަކަށް ހަރަކާތްތެރިވުމަކީ ރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދާއި އާންމު ރައްޔިތު މީހާގެ ދިރިއުޅުމާވެސް ގުޅިފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި މި އަންނަނީ ޗުއްޓީ ދުވަސްތައް ކަމުން ކުރިއަށް މި އޮތް ހަތަރު މަހަކީ ދިވެހިރާއްޖޭގެ ބަޖެޓައް ސަޕޯޓްކޮށްދޭނެ ހަތަރު މަސް ކަމަށެވެ. އަދި މި ދުވަސްވަރާ ދިމާކޮށް މިފަދަ ބަޔާނެއް ދިފާއީ ބާރުތަކުން ނެރުނީމާ މިހާރުވެސް ޓުއަރ އޮޕަރޭޓަރުންނާއި އެއާލައިންތަކުން ކަނބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ގައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން ގެންނަ އެލާޓެކެވެ.
ދިފާއީ ބާރުގެ ބަޔާނުގައި ބުނެފައިވަނީ، މިކަމަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަކަށްވީ ހިނދު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އެކަމުގައި ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށެވެ. އަދި ސިފައިންގެ ވާޖިބު އަދާކުރުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.