ސިފައިންގެ އެލާޓް ލެވެލް އެއް ދަރަޖަ މަތިކުރުމަކީ ކަނޑައެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތުރެޓެއް އޮވެގެން އެޅި ފިޔަވަޅެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައި މިވަނީ، ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި، "ޔެލޯ2" އަށް ބަދަލުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް ބުނެ ގައުމީ ދިފާއީ ބާރުން ބަޔާނެއް ނެރުމުން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން މޭޖާ އިބްރާހިމް އާޒިމު މީޑިއާތަކަށް ވިދާޅުވީ، ސިފައިންގެ އެލާޓް ލެވެލް އާދައިގެ ލެވަލްއަށްވުރެ އެއް ލެވެލް މަތިކުރެވިފައިވަނީ ފަހަރެއްގައިވެސް ކަނޑައެޅިގެން ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ.
ނަމަވެސް އެލާޓް ލެވެލް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް ކަމަށެވެ. އެގޮތުން އެއާޕޯޓުތަކުގެ ސެކިއުރިޓީ ވެސް އިތުރަށް މަތިކުރެވިފައިވާ ކަމަށް އާޒިމު ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ގައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބިގެން ގެންނަ އެލާޓެކެވެ.
ދިފާއީ ބާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިކަމަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމަކަށްވީހިނދު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އެކަމުގައި ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށެވެ.