ޚަބަރު

ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް އެއްވެސް ގައުމަކުން ދެކޮޅެއް ނަހަދާ: ކޮމަންވެލްތުގެ އެސްޖީ

ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ދެކޮޅު ނަހަދާކަން ކޮމަންވެލްތުގެ މެންބަރު ގައުމުތަކުން އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގައިފިއެވެ. އެކަން ހާމަކޮށްފައިވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ފޮރިން މިނިސްޓްރީން ބުނީ، މެންބަރު އެއްވެސް ގައުމަކުން ރާއްޖެ އަލުން މެންބަރަކަށް ވުމަށް ދެކޮޅު ނަހަދާކަމަށް ބުނުމަކީ ކޮމަންވެލްތާއި ރާއްޖެ އަލުން ގުޅުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރައީސްއަށް އިއްޔެ ފޮނުއްވި އެ ސިޓީފުޅުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވަނީ ރާއްޖެއަށް ވަޑައިގެންނެވި ދެ އެސެސްމަންޓް ޓީމާއި އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ކާމިޔާބު ދަތުރުތަކަށްފަހު އެ ޓީމުތަކުގެ ރިޕޯޓުތައް މެންބަރު ގައުމުތަކާއި ހިއްސާކުރެވި، ހުރިހާ ގައުމަކުން ވެސް އެރިޕޯޓުތައް ބަލައިގެންފައިވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެ މިހާރު އޮތީ ކޮމަންވެލްތުގެ މެންބަރު ގައުމަކަށްވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލްގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކޮމަންވެލްތަށް އަލުން ވަނުމުގެ މުހިންމު ހަރުފަތެއް ރާއްޖެއިން ފުރިހަމަކޮށްފައިވާއިރު، ވީހާވެސް އަވަހަކަށް ރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ހެދުމަށް މެންބަރު އެހެން ގައުމުތަކުން ވެސް ބާރު އަޅަމުންދާ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮމަންވެލްތުގެ ފުރިހަމަ މެންބަރު ގައުމަކަށްވެ، އެއަހަރުގެ ޖޫން މަހު ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮންނަ ކޮމަންވެލްތުގެ ހެޑްސް އޮފް ގަވަރުމަންޓް މީޓިގައި ކޮމަންވެލްތުގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެއަށް ބައިވެރިވެވޭނެ ކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ އޮކްޓޯބަރު 13، 2016 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އަދި ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ހުށަހެޅީ ޑިސެމްބަރު 6، 2018 ގައެވެ.