ޚަބަރު

އަދުހަމް، ޓެކްސީއަކުން ފޭރުމުގެ އިތުރު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި

މަރިޔަމް ޝަހުދާ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވެފައިވާ ޅ.ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ ފޭރުމުގެ އެހެން މައްސަލައެއްވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ގާސިމްގެ މަރާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ގާސިމް މަރާލާފައިވަނީ އޭނާއަށް ވަކިން ޓާގެޓުކޮށްގެން ނޫން ކަމަށާއި، ނަމަވެސް ގާސިމްގެ އަތުން ފޭރުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން ގާސިމްގެ ޓެކްސީއަށް އަދުހަމް އެރީ ވަޅިން ބިރުދައްކައިގެން ފޭރުމުގެ މަގްސަދުގައި ކަމަށާއި، އޭނާ މަރާލުމަށް ނޫން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ގާސިމް އަތުން ފޭރެން މަސައްކަތް ކުރުމުގެ އިތުރުން، މީގެ ކުރިންވެސް ޓެކްސީ ތަކަށްއަރާ ޓެކްސީ ޑްރައިވަރުންގެ އަތުން ފޭރުމަށް އަދުހަމް މަސައްކަތް ކުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފޭރުމުގެ އިތުރުން ވައްކަމާއި މަސްތުވާތަކެއްޗާއި ގުޅުންހުރި އަދުހަމްގެ ކުރީގެ ރިކޯޑުތައް ހުރިކަން ފުލުހުން ފާހަގަ ކުރިއެވެ.

ނޮވެމްބަރު 24 ވަނަ ދުވަހު ހިނގާ ދިޔަ ފޭރުމުގެ ހާދިސާއެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލައަށް ކުރިއެރުން ލިބިފައިވަނީ ގާސިމްގެ މަރުގެ ތަހުގީގުގެ ތެރެއިންކަން ފުލުހުން ފާހަގަކުރިއެވެ. ނަމަވެސް އެ މައްސަލައިގައި ކުރިން އަދުހަމް ހައްޔަރުކޮށްފައި ނުވަނީ އެކަށީގެންވާ ވަރަށް ހެކި ނުލިބުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އަދުހަމް ގާސިމްއަށް ހަމަލާ ދިން އިރު އޭނާ ހުރީ ޑްރަގް ކޯޓުން ރިހެބިލިޓޭޝަން ސެންޓަރަށް ފޮނުވުމަށް ހުކުމް ކޮށްފައި ކަންވެސް ފުލުހުން ފާހަކުރިއެވެ.