ޚަބަރު

އިމްރާން ވަޒީރު ކަމަށް އައްޔަން ކުރުމުގައި ޤާނޫނީ ހުރަހެއް އެބައޮތް: ފާއިޒު

ޝަހީދާ އަބްދުﷲ ސައީދު

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲ ވަޒީރު ކަމަށް އައްޔަން ކުރެއްވުމުގައި ގާނޫނީ ހުރަހެއް އޮތްކަމަށް ކުރީގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.

"ރާއްޖެއެމްވީ" ގައި އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތޯ ސުވާލުކޮށް ލިޔެފައިވާ ލިޔުމެއް ފޭސްބުކްގައި ޝެއާ ކުރައްވަމުން ފާއިޒް ވިދާޅުވީ ''އިމްރާން ވަޒީރު ކަމަށް އައްޔަން ކުރުމުގައި ޤާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލު ކުރަން ޖެހޭ." ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ކަމަށް އިމްރާން އައްޔަން ކުރެއްވުމުން ގާނޫނީ ބައެއް ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.

އިމްރާންގެ ކިބައި ވަޒީރުންގެ ޝަރުތު ހަމަނުވާކަަމަށް ބައެއް ޤާނޫނީ ވަކީލުންނާއި، ކުރީގެ ބައެއް ފަނޑިޔާރުންނާއި އަދި ދައުލަތުގެ ބަންޑާރަ ނައިބުގެ މަޤާމު ފުރުއްވި ބައެއް ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ގާނޫނު އަސާސީގައި މިނިސްޓަރުންގެ ޝަރުތުތައް ވަރަށް ސާފުކޮށް ކަނޑައަޅާފައިވެ އެވެ. އެގޮތުން ގާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ށ)ގައި ދެ ހާލަތެއް މެދުވެރިވެފައިވާ މީހަކަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސާބިތު ދަރަންޏެއް އޮތުން ނުވަތަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާނަމަ އެވެ.

އަނެއް ހާލަތަކީ ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު ޖަލު ހުކުމެއް އިއްވާފައިވާ މީހެއްނަމަ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް މާފުކުރިތާ ތިން އަހަރުވެފައިނުވާ މީހަކަށްވުމެވެ. އެފަދަ ހާލަތެއްގައި އެމީހަކަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ.

ވަކީލުން ވިދާޅުވާ ގޮތުގައި އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްފައިވީ ނަމަވެސް އެ ހުކުމް ބާތިލްކޮށްފައި ނެތުމަކީ އޭނާގެ ޝަރުތު ގެއްލޭ ކަމެކެވެ.

އަދި އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ޙުކުމް މިހާތަނަށް ސުޕރީމް ކޯޓުން ބާޠިލްކޮށްފައެއް ނުވެއެވެ. އިމްރާން ޖަލުން މިނިވަން ވެފައި ވަނީ އިމްރާންގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުން ފަސްކޮށް، މިނިވަންކުރުމަށް ކޯޓުން އަމުރު ކުރުމުންނެވެ.