އިބްރާހިމް ޒަކީ
ތަންފީޒު ޖަލެއްގައި ހުންނަންޖެހޭ ގައިދީއަކު، ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަކީ ގާނޫނީ ކުށެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޖަލުތައް ފުރިގެން ފުލުހުންގެ ހަވާލުގައި 50 އަށްވުރެ ގިނަ މީހުން ތބި ވާހަކަ މީޑިއާގައި އާންމުވުމުން، މިއަދު ކުރެއްވި ޓްވީޓެއްގައި މުހުތާޒު ވިދާޅުވީ އެގޮތަށް ތަންފީޒު ޖަލެއްގައި ހުންނަން ޖެހޭ ގައިދީއަކު، ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
އިއްޔެ ފުލުހުން ބުނީ، ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރަން ޖެހޭ 58 ގައިދީއަކު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނީދޫގައި އެބަތިބި ކަމަށެވެ.
އޭގެ ތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒު ކުރުމަށް ހަވާލު ކުރަން ޖެހޭ މީހުން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އަނެއް އަށް ގައިދީންނަކީ ރިމާންޑަށް ހަވާލު ކުރަން ޖެހޭ މީހުން ކަމަށެވެ.
ޖަލުތައް ފުރިފައިވާ މައްސަލައިގައި ހޯމް މިނިސްޓަރަށް އިޝާރާތް ކުރައްވައި މުހުތާޒު ވިދާޅުވީ ހުވަޔާ އެއްގޮތަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނަމަ ދުރަށް ވަޑައިގެންނެވުމަށް އެދި ވަޑަައިގަންނަވާ ކަމަށެވެ.
"ޖަލުގައި ޖާގަ ހަދައިދޭންވީ ރައީސުލް ޖުމްހޫރިއްޔާތޯ، ހުވަޔާ އެއްގޮތަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ ދުރަށް ވަޑައިގަންނަވާ، ތަންފީޒު ޖަލެއްގައި ހުންނަން ޖެހޭ ގައިދީއަކު ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަކީ ގާނޫނީ ކުށެއް،" މުހުތާޒު ވިދާޅުވި އެވެ.
ޖަލުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ހިމަނައިގެން ނެރުނު، ޖަލު އޮޑިޓް ރިޕޯޓަށް އިޝާރާތް ކުރައްވައި އެ ހުށަހެޅުންތަކަށްވީ ކިހިނެއްތޯ، މުހުތާޒު ވަނީ ސުވާލު ކުރައްވައިފައެވެ. އަދި އެއަށްވީ ގޮތެއް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެދެއްވަން ޖެހޭ މުހުތާޒް ވިދާޅުވިއެވެ.
މުހުތާޒު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލުމުން ކަރަންޓު ނެތް ހޫނު ގޮޅިއެއްގައި، ދެ އަހަރާއި އަށްމަސް ދުވަސް އޭނާ ހޭދަ ކުރެއްވި ކަމަށާއި، ހޯމް މިނިސްޓަރު އިމްރާން ދެމަސްވަރު އެގޮޅީގައި ހޭދަ ކުރެއްވި ކަމަށެވެ. އަދި ޖަލަށް އިސްލާހުތަކެއް ގެންނާނެ ކަމަށް އުއްމީދު ކުރި ނަމަވެސް، އޭރުގައިވެސް މުޅި ޖަލު ހިސޯރު ކޮށްގެން ގޯސް ހަދަހަދައި ތިބި ބަޔަކު ކައިރި ކުރައްވައި މަގާމުގެ ކުރިއެރުން ދެއްވުމުގެ ނަތީޖާއަކީ ޖަލު އިސްލާހު ކުރުމަށް މިނިސްޓަރު އިމްރާނަށް ދަތިތަކާ ކުރިމަތިވުން ކަމަށް މުހުތާޒު ވިދާޅުވިއެވެ. އަދި ގާނޫނުން ރައްޔިތުންގެ މަޖިލީހަށް މަތި ކޮށްފައިވާ ބާރުގެ ބޭނުން ކޮށްގެން، މި ފެށޭ ދައުރުގައި ޖަލުގެ އޮޑިޓް ރިޕޯޓްގެ ރެކޮމެންޑޭޝަން ތަކަށް އަމަލު ކުރުން އަވަސް ކުރުން މުހިއްމު ކަމަށް މުހުތާޒު ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.
"އިސްލާހުތަކެއް ގެންނާނެ ކަމަށް އުއްމީދު ކުރެވުނު. އެކަމަކު ހަމަ އޭރުގަ ވެސް މުޅި ޖަލު ހިސޯރުކޮށްގެން ގޯސްހަދަހަދާ ތިބި ބަޔަލު ކައިރި ކުރައްވައި މަގާމުގެ ކުރިއެރުން ދެއްވުމުގެ ނަތީޖާއަކީ ޖަލު އިސްލާހު ކުރުމަށް އެމަނިކުފާނަށް ދަތިވުން. މިކަމުގައި މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ވިސްނަވައި ފެށޭ ދައުރުގައި ގާނޫނުން މަޖިލީހާ މަތި ކޮށްފައިވާ ބާރުގެ ބޭނުން ކުރައްވައި ޖަލު އޮޑިޓް ރިޕޯޓްގެ ރެކޮމެންޑޭޝަން ތަކަށް އަމަލު ކުރުން އަވަސް ކުރުން މުހިއްމު،" މުހުތާޒު ވިދާޅުވިއެވެ.