ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ކައުންސިލްތަކުން ކުރާނެ ކަންކަން ހިމަނައިގެން ބަޖެޓް ތައްޔާރުކޮށް އަންނަ މަހު 15ގެ ކުރިން ހުށަހަޅަން، އަންގައިފި

އިބްރާހިމް ޒަކީ

ކައުންސިލްތަކަށް ލިބޭ އާމްދަނީ އާއި އެކި ގޮތްގޮތުން ލިބޭ އެއީ، ދައުލަތުންދޭ އެހީ ހިމެނޭގޮތަށް ކައުންސިލްތަކުން ކުރާނެ ކަންތައްތައް ކަނޑައަޅައި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށް އަންނަ މަހުގެ 15ގެ ކުރިން ހުށަހަޅަން، ފިނޭންސް މިނިސްޓްރީން ކައުންސިލް ތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކުގެ 2020 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމާ ގުޅޭ ސާކިޔުލާއެއް ނެރެފައެވެ.

ކައުންސިލްތަކަށްދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމާއި ބަޖެޓް ތަންފީޒު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުވެސް އެ މިނިސްޓްރީން ވަނީ އާއްމު ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޖެޓު ތައްޔާރުކުރުމާ ބެހޭ ސާކިއުލާގައި ބުނެފައިވަނީ ކައުންސިލް ތަކުން ބަޖެޓް ތައްޔާރުކޮށް ހުށަހަޅަން ޖެހޭނީ އެލްޖީއޭގެ ވިޔަ މޮޑިޔުލް މެދުވެރިކޮށް ކަމަށެވެ. އަދި ފިޒިކަލް ފޯމިޔުލާ ބޭނުންކޮށްގެން ކައުންސިލްތަކަށް ހިލޭ އެހީ ބެހިގެންދާނެ އުސޫލު އާންމުކޮށްފައިވާނެ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބަޖެޓު ތައްޔާރު ކުރާ އިރު، ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމާއި ބަޖެޓު ތަންފީޒު ކުރުމުގައި އަމަލު ކުރާނޭ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ސާކިޔުލާގައި މިނިސްޓްރީން ވަނީ އެދިފައެވެ.

ކައުންސިލްތަކަށް ބާރު ދިނުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ދައުލަތުގެ ބަޖެޓުގެ ފަސް ޕަސެންޓު ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

އެ އިސްލާހުގެ ދަށުން މަޖިލީހުން ފާސްކުރި 2020ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

މި ބަދަލާއެކު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ ވަނީ 148 ޕަސެންޓަށް އިތުރުވެފައެވެ. އަދި އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ 155 ޕަސެންޓަށް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 433 ޕަސެންޓަށް އިތުރުވެފައިވާ ކަމަށްވެސް ދައްކައެވެ.