ޕެޕް ގާޑިއޯލާގެ ބަދަލުގައި މެންޗެސްޓާ ސިޓީގެ ކޯޗުކަމަށް އެންމެ އެކަށޭނެ މީހަކީ އެކްލަބުގެ ލެޖެންޑް ވިންސެންޓް ކޮމްޕެނީ ކަމަށް ބުނެ ވާހަކަދެއްކުމަކީ މޮޔަ ކަމެއް ކަމަށް ކޮމްޕެނީ ބުނެފިއެވެ.
ސިޓީއަށް ގާޑިއޯލާ ދެ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ނަމަވެސް، މިސީޒަނުގައި ލީގު ކާމިޔާބުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ސިޓީއާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ސިޓީން ވަނީ ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.
ލީގުގައި އުންމީދުކުރި ނަތީޖާތައް ނުނެރެވުމުގެ ސަބަބުން ގާޑިއޯލާއަށް ވަނީ ގިނަ ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެ ނަތީޖާތަކުގެ ސަބަބުން އޭނާ މަގާމުން ދުރުކުރާނެ ކަމަށް ވެސް ވާހަކަތައް ދެކެވެމުންދެއެވެ. ނަމަވެސް ސިޓީއާއެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރުއެވެ.
ސިޓީއަށް ކޯޗުކޮށްދިނުމާ މެދު ވިސްނާތޯ ސުވާލުކުރުމުން އެކްލަބުގެ ކުރީގެ ކެޕްޓަން ކޮމްޕެނީ ބުނީ އޭނާ އެކަމާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށާއި މިވަގުތު އެކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރީ އެންމެ މޮޅު ކޯޗު ކަމަށެވެ.
"އަހަރެން އެއްވެސް ވަރަކަށް އެކަމާ މެދު ނުވިސްނަން. ސިޓީގައި ނިންމުން ނިންމޭ މަގާމެއްގައި އަހަރެން ހުރި ނަމަ، އަހަރެން މަސައްކަތްކުރާނީ ވީހާވެސް ގިނަ ދުވަހަކު ކޯޗުކަމުގެ މަގާމުގައި ގާޑިއޯލާ ބަހައްޓަން. ގާޑިއޯލާގެ ބަދަލުގައި ކޯޗުކަމަށް އެންމެ އެކަށޭނެ މީހަކީ އަހަރެން ކަމަށް ބުނެ ވާހަކަދެއްކުމަކީ މޮޔަ ކަމެއް،" ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ކޮމްޕެނީ ބުންޏެވެ.
މިވަގުތު ކޮމްޕެނީ ހުރީ ބެލްޖިއަމްގެ ކްލަބު، އަންޑާލެހްޓުގެ ކޯޗުކަމުގެ މަގާމުގައެވެ. އޭނާ އެ ކްލަބަށް ކުޅެމުން ވެސް ދެއެވެ. އަދި އެކްލަބުގެ ކެޕްޓަނަކީ ވެސް އޭނާއެވެ. އެގާރަ އަހަރު ސިޓީއަށް ކުޅުމަށްފަހު ކޮމްޕެނީ، އަންޑަލެހްޓާ ގުޅުނީ މިއަހަރުއެވެ. އަންޑަލެހްޓަކީ ކޮމްޕެނީގެ ފުޓުބޯޅަ ކެރިޔަރު ފެށި ކްލަބެވެ.