ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެބިނެޓްގައި އައްޑޫ ބޭފުޅަކު ނެތުމުން އައްޑޫ ރައްޔިތުން ސަރުކާރަށް ފާޑުކިޔައިފި

ޝަހީދާ އަބްދުﷲ ސައީދު

2

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގައި އައްޑޫ ބޭފުޅަކު ހިމެނިވަޑައިނުގަންނަވާތީ، އައްޑޫގެ ރައްޔިތުން ފާޑުކިޔައިފިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި 19 ވަޒީރުން ތިއްބެވި އިރު އޭގެ ތެރޭގައި އައްޑޫ ރައްޔިތަކު ހިމަނުއްވާފައި ނުވާ މައްސަލަ ފާހަގަކޮށް، އައްޑޫ ސިޓީ މީދޫ ރައްޔިތަކު ''ވަންއޮންލައިން''އަށް މައުލޫމާތު ދެމުން ބުނީ އާ ސަރުކާރުގެ ކެބިނެޓް އެކުލަވާލެއްވި އިރު، ކެބިނެޓްގައި އައްޑޫއަށް ނިސްބަތްވާ އެއްވެސް ރައްޔިތަކު ނެތުމަކީ ކެމްޕެއިންގައި ދެއްކެވި ވާހަކަތަކާއި ވެސް ޚިލާފު ކަމެއް ކަމަށެވެ.

ކެމްޕެއިން ދުވަސްވަރު އައްޑޫ ސިޓީ ތަރައްގީ ކުރާނެ ކަމަށާއި، އައްޑޫ ތަރައްގީ ކުރާނީ އައްޑޫގެ ރައްޔިތުންގެ ހިއްސާ ވެސް އޮވެގެން ކަމަށް ކެމްޕެއިންގައި އިސްކޮށް ތިއްބެވި ބޭފުޅުން ވިދާޅުވި ކަަމަށް އޭނާ ބުންޏެވެ.

ނަމަވެސް އާ ސަރުކާރު އައިސް އެކުލަވާލެއްވި ކެބިނެޓްގައި އައްޑޫގެ އެއްވެސް ރައްޔިތަކު ނެތުމަކީ ރައްޔިތުން ކޮށްދިން މަސައްކަތުގެ އަގު ވަޒަން ނުކުރުން ކަމަށް އޭނާ ބުނެއެވެ.

ސަރުކާރުގެ ކެބިނެޓް އިއުލާން ކުރެއްވި ހިސާބުން އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ. އެގޮތުން ރޭގެ ވަގުތެއްގައި މަގުމަތީގައި ބަޔަކު އަޑުގަދަ ކުރިއިރު، މިއަދުވެސް ހަމަ އެމީހުން މަގުމަތީގައި ނުރުހުން ފާޅުކުރިކަން އެނގިފައި ވެއެވެ.

އައްޑޫން ވާހަކަދެއްކި މީހުން ބުނެފައިވަނީ ރައީސް ސޯލިހުގެ ސަރުކާރުން އައްޑޫއަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ކުރިން އުންމީދުކުރި ނަމަވެސް ކަންވެ ނިމުނު ގޮތުން މިހާރު ސުވާލު އުފެދޭ ކަމަށެވެ.

ކުރީގެ ސަރުކާރުތަކުގައި އައްޑޫ ރައްޔިތުންގެ ދައުރު ވަރަށް ފުޅާކޮށް އޮތް ކަމަށް އައްޑޫ މީހުން ބުނެއެވެ. އެގޮތުން ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ވަހީދުގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގައިވެސް އައްޑޫ ރައްޔިތުންގެ ތެރެއިން ބޭފުޅުން ކެބިނެޓްގައި ހުންނެވި ކަމަށް އައްޑޫ މީހުން ބުނެފައެވެ.

ކޮންމެ ސަރުކާރެއްގެ މަތިފަޑީގައި އައްޑޫގެ ރައްޔިތުން ތިއްބެވިއިރު، އައްޑޫއަކީ ތައުލީމީ ގޮތުން ގާބިލު ބޭފުޅުން ތިއްބެވި އަތޮޅެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟