ޚަބަރު

މޯލްޑިވްސް ބޯޓިން އެވޯޑްސް: "ބޯޓިން ޕާސަނާލިޓީ އޮފް ދަ އިޔާ"ގެ އެވޯޑު މުފީދަށް

މޯލްޑިވްސް ބޯޓިން އެވޯޑްސްގައި ދޭ އަހަރުގެ ބޯޓިން ޝަހުޝިއްޔަތުގެ އެވޯޑު، މޯލްޑިވްސް ބޯޓް ކުލަބްގެ މެނޭޖިން ޑިރެކްޓަރު މުފީދު އަބްދުﷲ އަށް އަރުވައިފިއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އިންތިޒާމު ކޮށްގެން ދެމުން ގެންދާ މޯލްްޑިވްސް ބޯޓިން އެވޯޑްސް ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ގާލާ ރަސްމިއްޔާތުގައި އެ އެވޯޑާ މުފީދުގެ ފަރާތުން ހަވާލުވެލެއްވީ އޭނާގެ ދަރިފުޅެކެވެ. އަދި އެވޯޑު ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެސިސްޓަންޓު މެނޭޖަރުކަމާއި އެކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމު އަދާކުރެއްވި މުފީދަކީ ރާއްޖޭގެ ބޯޓިން އިންޑަސްޓްރީގައި އިސް ދައުރެއް އަދާކުރެއްވި މޭސްތިރިއެކެވެ.

ނުވަ ދިހައިގެ އަހަރުތަކުގައި ޒަމާނީ ޔޮޓަކާއެކު ބޯޯޓިން ދާއިރާގެ ވިޔަފާރިއަށް ވެންނެވި މުފީދު، މޯލްޑިވްސް ބޯޓް ކުލަބް ޕްރައިވެޓް ލިމިޓެޑް އުފެއްދެވީ 2002 ވަނަ އަހަރުއެވެ. ސަފާރީ އުޅަނދުތައް އޮޕަރޭޓްކުރާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ނަމަވެސް މުފީދު ގެންދަވަނީ އަމަލީ ގޮތުން އެ ވިޔަފާރީގައި ބައިވެރިވަމުންނެވެ.

އޭގެ އިތުރުން މުފީދަކީ އެންބީއޭއެމްގެ ފައުންޑިން މެންބަރެއްގެ އިތުރުން އެ ޖަމިއްޔާގެ އެގްޒެކެޓިވް މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މޯލްޑިވްސް ބޯޓިން އެވޯޑްސް އަކީ ބޯޓިން ދާއިރާ ވަރުގަދަކޮށް، އެ ދާއިރާގައި މަސައްކަތްކުރާ ހިދުމަތްތެރިންގެ އަގު ވަޒަންކުރުމަށް 2014 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ އެވޯޑެކެވެ.

އެގޮތުން މިރޭގެ ރަސްމިއްޔާތުގައި ބޯޓިން އިންޑަސްޓްރީގެ ކުރިއެރުމަށް ބުރަ ހިދުމަތްތަކެއް ކުރައްވާފައިވާ ވަކިވަކި ފަރުދުންގެ އަގު ވަޒަންކޮށް، "ފޭސެސް އޮފް ބޯޓިން" އެވޯޑު ވަނީ ހަތް ފަރާތަކަށް ދީފައެވެ.

  • "ފޭސެސް އޮފް ބޯޓިން" އެވޯޑު ދިން ފަރާތްތައް
  • - ކެޕްޓަން، އަބްދުﷲ އަލީ
  • - ޝެފް، ޗަމިންދާ ވޮލްޓާ
  • - ކުރޫ މެންބަރު، ހަސަން ސައުދު
  • - ވެއިޓާ/ ޑެކްހޭންޑު، ހުޝާމް އަބްދުލް ގާދިރު
  • - ކުރޫޒް މެނޭޖަރު، ޝުޖާއު އަލީ
  • - އިންޖިނިއަރު، ހަސަން ހަލީލު (އެމްޓީސީ)
  • - ސޭލްސް/ ރިޒަވޭޝަން/ އޮޕަރޭޝަން ސްޓާފް، މުހައްމަދު ސިނާން (އެމްޓީސީސީ)

މިރޭގެ ރަސްމިއްޔާތުގައި ޖުމްލަ 39 ކެޓަގަރީއަކުން އެވޯޑު ދީފައިވާއިރު، މިއަހަރުގެ އެވޯޑު ރަސްމިއްޔާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.