ފަތުރުވެރިންނާއެކު ސަފާރީތައް އަޅާނެ ފަޅެއް ހަމަޖައްސައި، އަންނަ އަހަރު އެތަނުގައި ބަނދަރުގެ މަސައްކަތް ފަށާނެކަން ސަރުކާރުން އިއުލާންކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިކަން އިއުލާނުކޮށްފައިވަނީ މިރޭ ބޭއްވި ފަސްވަނަ މޯލްޑިވްސް ބޯޓިންގް އެވޯޑްސް ހަފްލާ ޝަރަފުވެރިކޮށްދެއްވައި، އެ ހަފުލާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަފާރީތަކަށް ހާއްސަ ބަނދަރެއް އެޅުމަށް ސަރުކާރުން ނިންމާފައިވަނީ މާލެ ކައިރީ އޮންނަ ދިޔަނެރު ދޭއް ފަޅުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ކަމެއް ބަދަލުކުރި ބައެއްގެ ގޮތުގައި އުޅެ ނިމިދާން ކަމަށެވެ. އަދި މިކަން ކާމިޔާބު ކުރެއްވުމަށް ދާއިރާގެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ މުހިއްމު ކަމަށް މިނިސްޓަރު ފާހަގަަކުރެއްވިއެވެ. އެގޮތުން ސަފާރީތައް އޯވާ ނައިޓަށް ބަނދަރުކުރާނެ ސަރަހައްދެއް އޮތުމުގެ މުހިއްމުކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މިހާރު ސަފާރީތައް އެކި ފަހަރު އެކި ރަށްރަށް ކައިރީ ބަނދަރު ކުރާއިރު، ދަނޑުވެރި ކަމަށް ދީފައިވާ ރަށްރަށުގެ ބޭރުގައި އެކަމުގެ ނާޖާއިޒު ފައިދާ ނުނަގައި ސަފާރީތައް ބަނދަރު ކުރެވޭނީ ކިހިނެއްތޯ މިނިސްޓަރު ސުވާލު ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމަށޭ ކިއުމަށްފަހު ފަތުރުވެރިކަން އަދި އެފަދައިން ފަތުރުވެރިކަަން ދޫކުރާ ތަނެއްގައި އެހެން ކަމެއް ކުރުމަކީ އެދެވޭ ކަމެއް ނޫން ކަމަށެވެ.
މިހާރުވެސް މިކަން މިގޮތަށް ވެފައި އެބަހުރިކަން މިނިސްޓަރު ވިދާޅުވިއެވެ. އަދި 10 ނުވަތަ 12 އަހަަރުވަންދެން މިފަދައިން ކަންކޮށްފައިވާ ރަށްރަށުގެ މައްސަލަ މިހާރު މިނިސްޓްރީއަށް ހުށަހެޅޭނީ މިނިސްޓްރީގެ ފަރުވާ ކުޑަކަމުން ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ. މިއީ މިނިސްޓްރީން ބަލަން ޖެހޭ ކަންކަން އެންމެ އެކަށޭނެ ގޮތުގައި ނުބެލޭ ކަމުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މާލެ ބޭރުން އަށް ކިލޯމީޓަރު ދުރުގައި އޮންނަ "ދިޔަނެރު ދޭއް" ފަޅުގައި ސަފާރީތަކަށް ހާއްސަ ބަނދަރު ހެދުމަށް ނިންމި ސަބަބު ހިއްސާކުރައްވައިފައެވެ. އެގޮތުން ފަޅުތައް "ބަހާލި" އިރު ފުރަތަމަ އެ ބަނދަރު އެޅުމަށް ސަރުކާރުން ބޭނުންވި ފަޅު އެހެން ބަޔަކަށް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފަޅު އަލުން ހޯދުމަށް އެއްބަސްވުން ބާތިލުކޮށް، ކޯޓަށް ދާނަމަ، އެކަމުގައި ދައުރު ނިމެންދެން އުޅެން ޖެހިދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ދެން ބެލީ މާލެއާ ކައިރި، އެކަމަށް އެންމެ އެކަށޭނެ، ދާއިރާގެ މީހުންނަށް ފަސޭހަވާނެ ތަނެއްގައި ސަފާރީތައް އަޅާނެ ބަނދަރެއް ހެދުމަށް ކަމަށެވެ. އަދި އެގޮތުގެ މަތިން "ދިޔަނެރު ދޭއް" ފަޅު ހަމަޖެއްސީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް މި ޕްރޮޖެކްޓު ރާވާފައިވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި، ކެބިނެޓުގެ މިނިސްޓަރުން އަދި ހާއްސަކޮށް ބޯޓިން އެސޯސިއޭޝަންގެ ފައުންޑިން މެންބަރެއް ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް މިނިސްޓަރު މަރުހަބާ ދެންނެވިއެވެ.