ޚަބަރު

ކަރެކްޝަންސްގެ ޖަލުތައް ފުރި، 50 އަށްވުރެ ގިނަ މީހުން ފުލުހުންގެ ހަވާލުގައި

މަރިޔަމް ޝަހުދާ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޖަލުތައް ފުރިގެން ފުލުހުންގެ ހަވާލުގައި 50 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރަން ޖެހޭ 58 ގައިދީއަކު މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނީދޫގައެވެ. އަދި އޭގެ ތެރެއިން 50 މީހުންނަނީ ހުކުމް ތަންފީޒު ކުރުމަށް ހަވާލު ކުރަން ޖެހޭ މީހުން ކަމަށް ފުލުހުން ބުނެއެވެ. އަދި އަނެއް އަށް ގައިދީންނަކީ ރިމާންޑަށް ހަވާލު ކުރަން ޖެހޭ މީހުން ކަމަށް ފުލުހުން ބުނެއެވެ.

އެ 58 ގައިދީން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ކަރެކްޝަނުން އެމީހުންނާ ހަވާލުވުމަށް އުޒުރުވެރިވާތީ ކަމަށް ފުލުހުން ބުނެއެވެ. އެއީ ކަރެކްޝަންސްގެ ޖަލުތައް ފުރިގެން ކަމަށް ފުލުހުން ބުނެއެވެ.

އެ ގައިދީންގެ ތެރެއިން އަށް މީހަކު އިއްޔެއިން ފެށިގެން ކެއުމަށް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ އަށް ގައިދީން އެގޮތަށް އަމަލުކޮށްފައިވަނީ ކަރެކްޝަނާ އެމީހުން ހަވާލު ކުރުން ލަސްވާތީ އެކަމާ ދެކޮޅަށް ހަޅުތާލު ކުރުމަށް ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުން ކެއުމަށް އިންކާރުކޮށްފައިވަނީ ދެ ނަންބަރު ޖަލުގައި ތިއްބައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މިހާރު އެ އަށް ގައިދީންގެ ތެރެއިން އެންމެ ގައިދީއަކު ފިޔަވައި އެހެން ގައިދީން މިއަދު ހެނދުނުން ފެށިގެން ކާން ފަށާފައިވާ ކަމަށެވެ. ނަމަވެސް އަނެއް ގައިދީއާ ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއް ނުދެއެވެ.