ޚަބަރު

ސިޓީ ކައުންސިލްތަކަށް އަންހެނުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅަން ގުރުއަތު ނަގަނީ

އާނިފާ ހުސެއިން ސިރާޖް

1

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލުތަކަށް އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން އަންނަ ބުދަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސައިފިއެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.

އީސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތަކުގެ އިންތިހާބީ ދާއިރާތަކުގެ ތެރެއިން، އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން އަންނަ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެން މެމްބަރުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގެ އަދަދު ކަނޑައެޅުމާއި ގުރުއަތު ނެގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ވަނީ މިހާރު ގެޒެޓުކޮށްފައެވެ.

އެގޮތުން، މާލެ ސިޓީގައި އަންހެނުންނަށް ހާއްސަ ގޮނޑި ނިސްބަތްވާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ގުރުއަތު ލާނީ މާލެ ސިޓީގެ ދާއިރާތައް، ދާއިރާގެ ނަންބަރު ތަރުތީބުން ހަ ބަޔަކަށް ބަހައި، ކޮންމެ ބަޔަކުން އެއް ދާއިރާގެ ގުރުއަތު ލުމަށްފަހު، ބާކީވާ ދާއިރާތައް އެ އުސޫލުން ތަރުތީބުކޮށް ދައުރުވާ ގޮތަށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި އައްޑޫ ސިޓީގައި އަންހެނުނަށް ހާއްސަ ގޮނޑި ނިސްބަތްވާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ގުރުއަތުލާނީ، އައްޑޫ ސިޓީ ދާއިރާތައް، ދާއިރާގެ ނަންބަރު ތަރުތީބުން ހަތަރު ބަޔަކަށް ބަހައި، ކޮންމެ ބަޔަކުން އެއް ދާއިރާގެ ގުރުއަތު ލުމަށްފަހު، ބާކީވާ ދާއިރާތައް އެ އުސޫލުން ތަރުތީބުކޮށް ދައުރުވާ ގޮތަށެވެ.

ފުވައްމުލަކު ސިޓީގައިވެސް އަންހެނުންނަށް ހާއްސަ ގޮނޑި ނިސްބަތްވާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ގުރުއަތުލާނީ ފުވައްމުލަކު ސިޓީގެ ދާއިރާތައް، ދާއިރާގެ ނަންބަރު ތަރުތީބުން އެ ބަޔަކަށް ބަހައި ކޮންމެ ބަޔަކުން އެއް ދާއިރާގެ ގުރުއަތު ލުމަށްފަހު، ބާކީވާ ދާއިރާތައް އެ އުސޫލުން ތަރުތީބުކޮށް ދައުރުވާ ގޮތަށް ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

އިލެކްޝަނުން އެކުލަވާލި ރިޕޯޓުގައި ވިލިމާލެ އާއި ހުޅުމާލެ ވަނީ ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މާލެ ހަ އަވަށަކަށް ބަހާލައިގެން ކޮންމެ އަވަށަކުން ތިން ދާއިރާ ހިމެނޭ ގޮތަށް މާލޭގެ ގޮނޑިތައް ބަހާލާފައިވެއެވެ. އަދި އޭގެ ތެރެއިން ކޮންމެ އަވަށަކުން އެއް ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ. އެއީ މާލެ ސިޓީ ކައުންސިލަށް ޖުމްލަ 18 ދާއިރާއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީއަށް ކަނޑައަޅާފައިވަނީ ޖުމްލަ 12 ދާއިރާއެކެވެ. އެއީ ހިތަދޫއިން ފަސް ދާއިރާ، ހުޅުމީދޫ އިން ތިން ދާއިރާ، ފޭދޫއިން ދެ ދާއިރާ އަދި މަރަދޫ އާއި މަރަދޫފޭދޫ އިން އެއް ދާއިރާއެވެ. އައްޑޫގައި އަންހެނުންނަށް ވަކި ގޮނޑި ހާއްސަ ކުރަން ނިންމާފައިވަނީ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫއިން އެއް ގޮނޑިއެވެ. އަދި މަރަދޫ އާއި މަރަދޫ ފޭދޫގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއެއްގެ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ހަމަޖައްސާފައިވެއެވެ.

ފުވައްމުލަކުގައި ދާއިރާ ކަނޑައަޅާފައިވަނީ ދެ އަވަށަކަށް ބަހާލައިގެންނެވެ. އެއީ ކޮންމެ އަވަށަކަށް ތިން ދާއިރާއެވެ. ފުވައްމުލަކުގައި ޖުމްލަ ހަ ދާއިރާ ކަނޑައަޅަފައިވާ އިރު އޭގެ ތެރެއިން ކޮންމެ އަވަށަކުން އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް އިލެކްޝަނުން ވަނީ ނިންމައިފައެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ސިޓީގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ އަދަދަކީ 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ، އިންތިހާބު ކުރަންޖެހޭ ހަތް ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރުން ވާންޖެހޭނީ އަންހެނުންނަށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ. ސިޓީގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ އަދަދަކީ 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އަދަދެއް ނަމަ، އިންތިހާބު ކުރަންޖެހޭ 13 ކައުންސިލަރުންގެ ތެރެއިން ހަތަރު ކައުންސިލަރުން ވާންޖެހޭނީ އަންހެނުންނަށެވެ. އޭގެ އިތުރުން، ސިޓީގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ އަދަދަކީ، 60،000 މީހުންނަށްވުރެ އިތުރު އަދަދެއް ނަމަ، އިންތިހާބު ކުރަންޖެހޭ 19 ކައުންސިލަރުންގެ ތެރެއިން ހަ ކައުންސިލަރުންނަކީ އަންހެން ކައުންސިލަރުންނަށް ވާންޖެހޭނެ ކަމަވެސް އުސޫލުގައި ބުނެފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟