ޚަބަރު

މަކްތަބާ ސަލަފިއްޔާގެ ތިން ސުކޫލެއް ރަޖިސްޓްރީ ނުކޮށް ހިންގަމުންދޭ: އިސްލާމިކް މިނިސްޓްރީ

އާނިފާ ހުސެއިން ސިރާޖް

3

މަކްތަބާ ސަލަފިއްޔާ ޖަމާއަތުގެ ތިން ސުކޫލެއް ރަޖިސްޓްރީ ނުކޮށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހިންގަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓް އިސްމާއިލު އަފްރާހު "ވަން" އަށް ވިދާޅުވީ، މަކްތަބާ ސަލަފިއްޔާ މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ގާނޫނާ ހިލާފަށް ހިންގަމުންދާ ޖަމާއަތެއް ކަމަށެވެ. އަދި އެ ޖަމިއްޔާގެ ތިން ސުކޫލެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ މައްސަލަ ބަލަމުންދާ ކަމަށް އިސްމާއިލު ވިދާޅުވިއެވެ.

ނަމަވެސް އެއީ ބަލަމުންދާ މައްސަލައެއް ކަމުން އެ ޖަމިއްޔާއިން ސުކޫލުތައް ހިންގަމުންދާ ސަރަހައްދުތަކެއް އޭނާ ވިދާޅެއް ނުވެއެވެ.

އިސްމާއިލު އިތުރަށް ވިދާޅުވީ، މަކްތަބާ ސަލަފިއްޔާގެ އިލްމުވެރިއެއް ކަމުގައިވާ އިލްމުވެރިޔާ، މުހައްމަދު ހަސަން ބަހަށް އެތައް ކުދިންނެއް ސްކޫލަށް ނުފޮނުވާ ތިބި ކަމަށެވެ.

މުހައްމަދު ހަސަނަކީ ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކޮށް، އޭނާއަށް ދީފައިވާ ހުއްދަ އިސްލާމިކް މިނިސްޓްރީން ސަސްޕެންޑު ކޮށްފައިވާ މީހެކެވެ. އޭނާގެ އިތުރުން އިތުރު ދެ އިލްމުވެރިއެއްގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ސަސްޕެންޑުކުރިއެވެ. އެއީ ނ. ޅޮހި، މަނަދޫގެ، އަބްދުއްރަހީމް މުހައްމަދާއި އައްޑޫ މީދޫ، ދެކުނުގެ، ޖައުފަތު ފާއިޒެވެ.

އިސްލާމިކް މިނިސްޓްރީގެ އެ ތުހުމަތުތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު މަކްތަބާ ސަލަފިއްޔާއިން ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު ހަސަން ވިދާޅުވީ، އެ ޖަމިއްޔާއަކީ ހަރުކަށި ފިކުރާއި އިންތިހާއަށް ދެކޮޅު ބައެއް ކަމަށާއި ހަރުކަށި ފިކުރުގެ މީހުންގެ ގަބޫލުކުރާ ގަބޫލުކުރުންތައް ގަބޫލު ނުކުރާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟