ޚަބަރު

ޕްރައިވެޓް ހަޔާގެ ގޮތުގައި ޓެކްސީ ހިދުމަތްދޭ ފަރާތްތަކަށް ތަމްރީނު ޕްރޮގުރާމެއް ބާއްވަނީ

އާނިފާ ހުސެއިން ސިރާޖް

ޕްރައިވެޓް ހަޔާގެ ގޮތުގައި ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އަންނަ އަހަރު ފެށުމަށް ހަމަޖައްސަފައިވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ. އެހެންކަމުން މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ފޯނު ނަންބަރު ޓްރެފިކް ޕޮލިސް ކައުންޓަރަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިލައްވައިފައެވެ.

އަންނަ މަހުގެ 13 ވަަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މި ޕްރޮގްރާމުގައި ޕްރައިވެޓް ހަޔާގެ ގޮތުގައި ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން، ޓެކްސީ ކުރުމުގެ ހިދުމަތަށް އަލަށް ނުކުންނަ ޑްރައިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ނަމަވެސް ޓެކްސީ ހިދުމަތަށް އަލަށް ނުކުންނަށް ޑްރައިވަރުން އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޓެކްސީ ސެންޓަރުތަކުގައި ނަން ނޯޓު ކުރަން ޖެހޭނެ ކަމަށް ފުލުހުން ބުންޏެވެ.

ޓެކްސީ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އަންނަނީ ސިލްސިލާކޮށް މިފަދަ ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންނެވެ. އޮގޮތުން މިއަހަރުގެ ތެރޭގައި ވަނީ ޓެކްސީ ޑްރައިވަރުންނަށާއި ޕްރައިވެޓް ހަޔާގެ ގޮތުގައި ޓެކްސީ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިފައެވެ.