ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވެފައިވާ މީހާގެ ވަނަވަރު އާންމުވެއްޖެއެވެ.
އދ. މާމިގިލީ، ގާސިމް ހަސަން، 59އ ގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެރޭގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.
ގާސިމް މަރާލި ކަމަށް އިއުތިރާފުވެފައިވާ މީހާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ އަމުރުގައިވާ ގޮތުން ގާސިމް މަރާލި މައްސަލައިގައި ހައްޔަރުކޮށް، ކޯޓުން ބަންދުގެ މުއްދަތު ޖެހީ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދަށެވެ. އުމުރުން 21 އަހަރުގެ އަދުހަމް 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއް ކަމަށް އަމުރުގައި ބުނެފައިވާގޮތުގައި މީހަކަށް ވަޅިން ހަމަލާ ދިން ކަމަށް ބަންދާ މެދު ގޮތެއް ނިންމި މަޖިލީހުގައި އިއުތިރާފުވެ، ކަން ހިނގި ގޮތް ކިޔައިދީފައިވުމާއެކު އަނިޔާ ލިބިފައިވާ މީހާ މަރުވެފައިވުމާއެކު ކަމުގެ ބާވަތުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި އަމަން އަމާން ކަމަށް ބުރޫއަރާފާނެތީއެވެ.
ގާސިމް ހަސަން މަރާލި މައްސަލައިގައި ހައްޔަރުގައި ހުރީ ގާސިމްގެ ގާތިލު ކަމަށާއި އެކަމަށް އިއުތިރާފުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ. ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ގާސިމްގެ ގާތިލު އެވަގުތު ލައިގެން ހުރި އަންނައުނު ހޯދާފައިވާ އެ އެއްޗެހި ހޯދާފައިވަނީ ގާސިމް މަރާލި ސަރަހައްދުގައި ފޮރުވާފައި ހުއްޓައި ކަމަށެވެ. އަދި އިތުރު ހެކި ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ގާސިމްގެ ގާތިލުކަން ކަށަވަރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި އެ މީހާ، ގާސިމް މަރާލި ކަމަށް އިއުތިރާފުވެ، ތަހުގީގު ކުރިއަށްގެންދިއުމަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.
ހަމީދު އިތުރަށް ވިދާޅުވީ ގާސިމްގެ ގާތިލު ހޯދުމުގައި ފޮރެންސިކް ހެކިތައް ބޮޑު ދައުރެއް އަދާކުރި ކަމަށާއި އެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މި ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
މިމަހުގެ 12 ވަނަ ދުވަހު ކޮމިޝަނަރު ހަމީދު ވަނީ، ގާސމުގެ ގާތިލުންގެ ފިންގަ ޕުރިންޓު އަދި މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައިވާކަން ހާމަކުރައްވައިފައެވެ. ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައި ވަނީ އޭނާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދާ 300 މީޓަރު ދުރުން ގަސްތަކުގެ ތެރެއިންނެވެ. އަދި ގާތިލާ ހަމައަށް ވާސިލުވުމަށް ފުލުހުންގެ ޓީމުން ގާސިމު އެދުވަހު ދުއްވި ޓެކްސީގެ ހަރަކާތްތައް ބެލުމަށް ސީސީޓީވީގެ ގިނަ ފުޓޭޖުތަކެއް ވެސް ބަލާފައިވަކަން އެދުވަހު ކޮމިޝަނަރު ވިދާޅުވިއެވެ.