ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އިސް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރާތެއް ކުރައްވައިފި އެވެ.
އިއްޔެ ކުރެއްވި އެ ޒިޔާރާތުގައި ރައީސް ސޯލިހުގެ އަރިހުގައި ބައްދަލުކުރައްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ އެޑްވައިޒަރ ޑޮކްޓަރ މަންޞޫރު ބިން މިތެބް ބިން ޢަބްދުލް ޢަޒީޒް އާލް-ސަޢުދު އާއި ޔޫ.އޭ.އީގެ ވަލީ އަހުދު ޒައިދް އައް ނަޙްޔާންގެ ދަރިކަލުން ޝައިޚް ހަމްދާން ބިން މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާން އެވެ.
އެ ބައްދަލުކުރެއްވުމުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ އެޑްވައިޒަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވައި ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ.
އިއްޔެ ރައީސް ސޯލިހްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގެ އިސް މަގާމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން 250 އަކަށް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.