އައްޑޫ ސިޓީގެ ޕޯޓުގެ ސަރަހައްދު ވިޔަފާރި ބޮޑު ބާޒާރަކަށް ބަދަލުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވަނީ އައްޑޫ ޑިވޮލޮޕްމެންޓް ކޮމެޓީ (އޭޑީސީ)ގެ އެކްސްކޯ އާއި އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓަރު ފައްޔާޒު އިސްމާއިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމަށްފަހު އޭޑީސީގެ ނައިބު ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިސްޓަރު ފައްޔާޒާއި އޭޑީސީ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން، އައްޑޫ ޕޯޓުގެ ސަރަހައްދު ވިޔަފާރި ބޮޑު ބާޒާރަކަށް ބަދަލުކުރެވޭނެ ގޮތަކަށް، ދެކުނުގެ އެތެރޭގެ ކަނޑު ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް މާޝްވަރާކޮށްފައިވާ ކަމަށެވެ.
އައްޑޫ ޑިވޮލޮޕްމެންޓް ކޮމިޓީއަކީ އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތްކޮށް، އައްޑޫއަށް ދިމާވެފައިވާ ދަތިތައް ސަރުކާރަށް ހުށަހަޅައި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާ ސޮސައިޓީއެކެވެ.