ބްރޯޑްކާސްޓިން ހިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބައްދަލުވުންތަކެއް ފަށައިފިއެވެ.
ބްރޯޑްކޮމްގެ މެމްބަރުން ފައްޓާފައިވާ ސިލްސިލާގެ މިއަދުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ ސަންގު ޓީވީއާއެކުއެވެ.
އެ ބައްދަލުވުމުގައި ސަންގުޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަންބޮޑުވުމަކީ، ބްރޯޑްކާސްޓްކުރުމުގެ ގާނުނާއި ގަވާއިދާ ހިލާފުވުމުން ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ކޮށްފައިވާ ޖޫރިމަނާތަކާއި އެކަމުގެ ސަބަބުން ސްޓޭޝަންތަކަށް ލިބުނު މާލީ ގެއްލުންތައް ކަމަށް ބްރޯޑްކޮމް އިން މައުލޫމާތުދެއެވެ.
ބްރޯޑްކާސްޓްކުރުމުގެ ގާނުނާއި ގަވާއިދާ ހިލާފުވުމުން ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބަދަލުގައި، އެކަށީގެންވާ ފިޔަވަޅެއްގެ ގޮތުގައި ފެނިވަޑައިގަންނަވަނީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސުން ޕޮއިންޓް ކެނޑޭ އުސޫލެއް ތައާރަފުކުރުން ކަމަށް ވެސް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ބޮރޯޑްކޮމް އިން ބުނީ އެ ބައްދަލުވުމުގައި ސަންގު ޓީވީގެ ފަރާތުން ފާހަގަކުރި އިތުރު ކަންބޮޑުވުންތަކަކީ ޗެނަލް ރައިޑްކުރުމަށް ބްރޯޑްކާސްޓަރުން އަތުން ނަގާ ފީ ބޮޑުވުމާއި، ބައެއް ޗެނަލްތަކުން އެއްވެސް ޒިންމާދުރުކަމެއްނެތި ކޮންޓެންޓް ފޮނުވަމުން ދިއުމާއި، ބައެއް ފަރާތްތަކުން އެއްވެސް ބާވަތެއްގެ ހުއްދައެއް ނެތި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުން ކަމަށެވެ. އަދި ޗެނަލްތަކުން އުފައްދާ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކުރިން ބަލައި ފާސްކުރުމަށް "ސެންސަރޝިޕް ޑެސްކް" އެއް ކޮމިޝަންގައި ގާއިމުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރި ކަމަށް ބޮރޯޑްކޮމް އިން މައުލޫމާތުދެއެވެ.
ސަންގު ޓީވީއާ ބައްދަލުކުރުމަށްފަހު، ކޮމިޝަން މެމްބަރުން މިއަދު ދެވަނަ ބައްދަލުވުން ބޭއްވީ ފިޔެސް ޓީވީއާ އެކުގައެވެ.
ބްރޯޑްކޮމް އިން މައުލޫމާތުދިން ގޮތުގައި ފިޔެސް ޓީވީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަފީއު ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮމިޝަނުން ބްރޯޑްކާސްޓަރުންނާއެކު އޮންނަ ގުޅުން ކުޑަވުމުގެ ސަބަބުން ދާއިރާގެ ތަރައްގީއަށް އެކަށީގެންވާ މަސައްކަތް ނުކުރެވުން ކަމުގައެވެ. އަދި ޗެނަލް ރައިޑްކުރުމަށް ބްރޯޑްކާސްޓަރުން އަތުން ނަގާ ފީ ބޮޑުވުމާއި، ކަމާގުޅޭ ފަރާތްތައް މި ދާއިރާއަށް އަހުލުވެރިކުރުމަށް މަސައްކަތްނުކުރާ ކަމާއި، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ނުލިބޭ ކަމަށް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ކޮމިޝަން އުފެދިގެން އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް، ބްރޯޑްކާސްޓިންގެ ހިދުމަތްދޭ ފަރާތްތަކުގެ އަގުވަޒަންކޮށް، އެވޯޑް ދެވިފައި ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަކުރެއްވި ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.
އެ ދެ ބައްދަލުވުމުގައި ހުށަހެޅި ހިޔާލުތަކާ މެދު ކޮމިޝަނުން އިތުރު މައުލޫމާތު ހޯދައި އަދި ފާޅުކުރި ކަންބޮޑުވުންތަކަށް ކޮމިޝަނުން އަލިމަގެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ދެއްވި ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ. އަދި ކޮމިޝަނާއި ބްރޯޑްކާސްޓަރުންނާ ދެމުދު އޮންނަ ގުޅުން މި ދައުރުގައި ހަރުދަނާ ކުރެއްވުމަށް ވަރަށް އިސްކަންދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކާއި ކޮމިޝަންގެ ތަސައްވުރާ ގުޅޭގޮތުން ކޮމިޝަންގެ ރައީސާއި މެމްބަރުން ވާހަކަދެއްކެވި ކަމަށް ވެސް ބްރޯޑްކޮމް އިން މައުލޫމާތުދެއެވެ.
ބްރޯޑްކޮމް އިން ބުނީ އެ ދެ ބައްދަލުވުމުގެ އިތުރުން، ރާއްޖޭގެ ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓިންގެ ހިދުމަތް ދެމުންދާ ކުންފުނިތަކެއްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުން ރީބްރޯޑްކާސްޓިންގެ ހިދުމަތް ދިނުމަށް ހުރި ދަތިތަކާއި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް ކޮމިޝަންގެ މެމްބަރުން ވިދާޅުވި ކަމަށެވެ.
މިއަދުގެ އެ ބައްދަލުވުންތަކުގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަހްމަދު ގައިސްއާއި ކޮމިޝަނަރު ޒީނާ ޒާހިރާއި ކޮމިޝަނަރު އަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ބައިވެރިވެވަޑައިގަތެވެ.