ވޭސްތް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކ. ތިލަފުށީގައި ހިންގަމުންދާ "ތިލަފުށި ޑިސްޕޯސަލް ސައިޓް" ފުރި، ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ވެމްކޯގެ ތިލަފުށި އޮޕަރޭޝަނާ ގުޅޭގޮތުން އެ ކުންފުނިން މިއަދު ނެރުނު ނުސްބަޔާނެއްގައި ބުނެފައިވަނީ، "ތިލަފުށި ޑިސްޕޯސަލް ސައިޓް" ސަރަހައްދަކީ ރާއްޖޭގައި އުފެދޭ ކުނީގެ ބޮޑު އިންސައްތައެއް ޖަމާކުރަމުންދާ ސަރަހައްދެއް ކަމަށާއި އެގޮތުން އެ ސަރަހައްދަށް ޖަމާވެފައިވާ ކުނި ރައްކާތެރި ގޮތުގައި މެނޭޖުކުރުމަށް ވެމްކޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ގިނަ އަހަރުތަކެއް ވަންދެން ޖަމާކުރެވިފައިވާ ކުނީގެ ސަބަބުން ތިލަފުށީގެ ޑިސްޕޯސަލް ސައިޓު ފުރި، ޖާގައިގެ ދަތިކަން މިހާރު އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ އެ ކުންފުނިން ތިލަފުށީގައި ބޭނުންކުރަމުން އަންނަ އެކި ވެހިކަލްތައް މަރާމާތުކުރުމާއި، އަޕްގްރޭޑުކުރުމުގެ މަސައްކަތްތަކެއް މިދިޔަ މަހުން ފެށިގެން ކުރަމުންދާ ކަމަށާއި އަދި ވެމްކޯ ތިލަފުށި ސައިޓާއި އިންވެގެން އޮންނަ ސަރަހައްދުގެ ބަނދަރާއި، ތޮށިގަނޑު މަރާމާތު ކުރުމުގެ މަސައްކަތްތަކެއްވެސް މިހާރު ކުރަމުން އަންނަ ކަަމަށެވެ. އޭގެ ސަބަބުން، ކުނި ހުސްކުރުމަށް ބޭނުންކުރަމުން އަންނަ ގިނަ ވެހިކަލްތަކަށް އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
"މި މަރާމާތަކީ ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ގަސްތުކުރެވުނު މަސައްކަތަކަށް ވީ ނަމަވެސް، މޫސުން ތަންނުދިނުމާއި، ވެހިކަލްތަކަށް ލިބިފައިވާ ގެއްލުންތަކާއި، މި ކޯޕަރޭޝަނަށް ލިބެންޖެހޭ ވެހިކަލް އަދި މެޝިނަރީތައް ވަގުތުން ނުލިބުމުގެ ސަބަބުން ތިލަފުށީފައި ދެމުންގެންދާ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި،" ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ވެމްކޯ "ތިލަފުށި ޑިސްޕޯސަލް ސައިޓް" އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީސް މަސައްކަތްތައް ނިންމުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެމްކޯގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ވެމްކޯއިން ބުނީ ތިލަފުށިން ހިދުމަތް ލިބިގަންނަ ކަސްޓަަމަރުންނަށް ބުރޫނާރާނެ ފަދަ ގޮތަކަށް ހިދުމަތްތައް ރާވަމުން އަންނަ ކަމަށާއި އަދި ކުނި ނެގުމުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން ތިލަފުށީގެ އޮޕަރޭޝަނަށް ޝިފްޓެއް އިތުރުކޮށް، ތިލަފުށީގައި ބޭނުންކުރުމަށް އިތުރު ވެހިކަލްތައް ކުއްޔަށް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.