ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖެއްސި ޖުދާން އަލީ ރަސްމީކޮށް މަގާމާ ހަވާލުވެއްޖެއެވެ.
ރަސްމީކޮށް އެ މަގާމާ ހަވާލުވުމަށްޓަކައި ޖުދާން އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ ހަވީރު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ޓެކްނިކަލް ޑިރެކްޓަރެއް ހޯދުމަށް ކުރި މަސައްކަތުގައި އެފްއޭއެމްގެ ވިސްނުމާ އެންމެ އެއްގޮތް ވިސްނުމެއް ގެންގުޅޭ ފަރާތަކަށް ދިމާވީ ޖުދާން ކަމަށާއި އޭނާއާއެކު ސޮއިކުރީ ދިގު މުއްދަތަކަށް އެ މަގާމުގައި ހުންނަ ގޮތަށް ކަމަށެވެ.
"ރާއްޖޭގެ ފުޓުބޯޅަ ޑިވެލޮޕްކުރުމަށްޓަކައި މިހާރު މިއޮތް ވަރަށް ވުރެ ވެސް ވަރުގަދަ ޑިވެލޮޕްމަންޓެއް ގެނައުމަށްޓަކައި މި މަގާމު މި ހަވާލުކުރަނީ. ރާއްޖޭގެ މިހާރުގެ ފުޓުބޯޅައިގެ ހާލަތާއި އަދި ކްލަބުތައް ހިނގާ ގޮތާއި ކުޅުންތެރިންގެ ޑިސިޕްލިން ނުވަތަ ކުޅުންތެރިން މަސައްކަތްކުރާ ގޮތާ، މި ހުރިހާ އެއްޗެއް ވަރަށް ރަނގަޅަށް ޓެކްނިކަލް ޑިރެކްޓަރަށް އެނގިލައްވާނެ،" އޭނާ ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އާ ޓެކްނިކަލް ޕްލޭނާއެކު ބައްދަލުވާނެ ކަމަށާއި އެފްއޭއެމްގެ ވިސްނުމަކީ ޒުވާން ޖީލުތަކެއް، މުސްތަގުބަލަށް ކާމިޔާބު ހޯދާނެ ގައުމީ ޓީމުތަކެއް ބިނާކުރުމަށް މަސައްކަތްކުރުން ކަމަށެވެ.
"އެކަން ކުރުމަށްޓަކައި ރަނގަޅު ވަސީލަތްތަކެއް ބޭނުންވޭ. އެކަން ކުރުމަށްޓަކައި ރަނގަޅު ކޯޗުން ތަމްރީނުކުރަން ޖެހޭ. އެކަން ކުރުމަށްޓަކައި ރަނގަޅު މެޗުތަކެއް ލިބެން ޖެހޭ. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ކްލަބުތައް މިހާރަށްވުރެ ހަރުދަނާކޮށް ހިންގުމާއި، އަދި ވަރުގަދަ ލީގެއް ނުވަތަ ވަރުގަދަ މުބާރާތްތަކެއް ރޭވިގެން ދިއުން މީގެ ތެރޭގައި ހިމެނިގެންދޭ. އަޅުގަނޑުމެން ބޭނުންވަނީ ފިރިހެން އަދި އަންހެން، ދެ ޖިންސު އެއްކޮށް ކުރިއަރުވަން،" އޭނާ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޖުދާން ވިދާޅުވީ ޔޫރަޕުގެ ފުޓުބޯޅައިގެ ފިލޯސަފީ ރާއްޖެއަށް ގެނެސްގެން، ފުޓުބޯޅަ ތަރައްގީކުރަން އުޅެފިނަމަ، އެކަމަކީ ރާއްޖެއަށް އެންމެ އެކަށޭނެ ގޮތަކަށް ނުވާނެ ކަމަށާއި ރާއްޖޭގައި މަސައްކަތްކުރާނީ ރާއްޖޭގެ ހާލަތު ބަލައި ރާއްޖެއާ އެންމެ އެކަށޭނެ ގޮތަށް ކަމަށެވެ.
ޖުދާންއަކީ ލަންޑަނުގައި އަންހެން ކުދިންނަށް ހާއްސަ ފުޓުބޯޅަ އެކަޑަމީއެއް ހުޅުވައި، އިންޑޮނޭޝިއާ އަދި ހޮންކޮންގައި ވެސް އެކަޑަމީތައް ހިންގާ ބޭފުޅެކެވެ.