ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ރަންވޭގެ މަރާމާތަށް ބަންދުކުރުމާ ގުޅިގެން މޯލްޑިވިއަންގެ މިރޭގެ ބައެއް ފުލައިޓުތައް ކެންސަލްކޮށްފިއެވެ.
މިއަދު ހަވީރުވެސް ވެލާނާ އެއާޕޯޓު ވަނީ ހަވީރުގެ 3:55 އިން 4:15 އަށް ބަންދުކޮށްފައެވެ. މީގެ ސަބަބުން ގިނަ ފުލައިޓުތަކެއް ޑިލޭވެ، ޑައިވާޓުވެސް ކޮށްފައިވާ އިރު، އަނެއްކާވެސް މިރޭގެ 7:00 އިން 7:30 އަށް ވެލާނާ އެއާޕޯޓު ބަންދުކޮށްފައިވާ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.
އެމްއޭސީއެލުން ބުނީ އެއާޕޯޓު ބަންދުކުރީ ރަންވޭ ސާފުކުރުމަށް ކަމަށާއި މިކަމުގެ ސަބަބުން ފުލައިޓުތަކަށް ދިމާވާ ދަތިތައް ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މޯލްޑިވިއަން އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ވެލާނާ އެއާޕޯޓުގެ ރަންވޭ ބަންދުކުރުމާ ގުޅިގެން މިއަދަށް ޝެޑިއުލްކޮށްފައިވާ ހުރިހާ ފުލައިޓުތަކަށް ނެޖެއްސޭނެތީ ބައެއް ފުލައިޓުތައް ކެންސަލުކޮށްފައިވާ ކަމަށެވެ.
މޯލްޑިވިއަން އިން ކެންސަލުކޮށްފައިވަނީ ދަރަވަންދޫ-އިފުރު ފުލައިޓާއި، ކޫއްޑޫ-ގަން ފުލައިޓާއި، ކައްދޫ އާއި ކާޑެއްދޫ ފުލައިޓާއި، ފުވައްމުލަކު ފުލައިޓުގެ އިތުރުން ޓްރެވެންޑުރަމްގެ ފުލައިޓުތަކެވެ. މި ފުލައިޓުތައް ރިޝެޑިއުލް ވުމުން އަންގާނެ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.