ޚަބަރު

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ކަނޑައަޅައިފި

އާނިފާ ހުސެއިން ސިރާޖް

1

ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ކަނޑައަޅައިފިއެވެ.

ހަރުކަށި ފިކުރު މާނަކުރާގޮތް އާންމުކޮށް އެންސީޓީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަރުކަށި ފިކުރަކީ ގާނޫނު އަސާސީގެ ރޫހާއި، ގާނޫނީ ހަމަތަކާއި، އާންމު އިޖްތިމާއީ އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތުކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިކޮށް ހިތުމުގެ ފިކުރު ކަމަށެވެ.

އެގޮތުން ހަރުކަށި ފިކުރަކީ، އެތަނެއްގެ ސަގާފަތާއި، ޒަމާންވީ އާދަކާދަތަކާއި ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފުސީދާ މަގުން އެއްކިބާވެ އަދި، އެތަނެއްގައި އޮންނަ ގާނޫނާއި ގަވާއިދުތަކާއި، އުސޫލުތަކުގެ އިންތަކުން ބޭރުވެތިބެ، އެބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫން ކަމަށްބުނެ އެގޮތަށް ދެއްކުމަށް މަސައްކަތް ކުރާ މީހުން ކަމަށްވެސް އެންސީޓީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތައި އަނިޔާވެރިވެ، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމު ކަމެއްކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރުމުގެ ފިކުރަކީވެސް ހަރުކަށި ފިކުރު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެންސީޓީސީގެ ބަޔާނުގައި ކަނޑައަޅާފައިވާ ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް:

  • ހަރުކަށި ފިކުރަށް ތަބާވާ މީހުން ފިޔަވާ އެހެން މުސްލިމުންނަކީ ޠާއޫތުން ކަމަށާއި، މުސްލިމުންނޫންކަމަށް ބުނެ، އެގޮތައް ދެއްކުމަށް މަަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުން އެއީ ހުއްދަ ކަމެއް ކަމުގައި ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމު ކަމެއްކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރާ މީހުން.
  • ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތައް އިންކާރުކުރާ މީހުން.
  • ދިވެހިރާއްޖޭގެ ގާނޫނު އަސާސިއަކީ ބާތިލު އެއްޗެއްކަމަށް ބުނެ، އެކަން ދެގޮތައް ދެއްކުމަށް ވަކާލާތުކޮށް، ދިވެހިރާއްޖޭގެ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ހިލާފުވެ، ދިވެހި ސަގާފަތާއި ޒަމާންވީ އާދަކާދަތަކަށް އިންކާރުކޮށް ދިވެހި މުޖްތަމައުގެ އެއްބައިވަންތަކަށް ގެއްލުވާލައި، މުޖްތަމައު ބައިބައިކުރަން މަސައްކަތް ކުރާ މީހުން.

އެގޮތުން، ގައުމީ ދިދައާއި ދައުލަތުގެ ނިޝާނާއި ގައުމީ ސަލާމް ބަލައި ނުގަތުމާއި، ސުކޫލުތަކުގެ ގައުމީ ތައުލީމީ މަންހަޒުތައް ބަލައިނުގަތުމާއި، ދަރިވަރުން ސުކޫލަށް ހާޒިރުނުކުރުމާއި، މި ފިކުރަށް މަގުފަހިވާ ގޮތަށް ވަކާލާތުކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނެފައިވެއެވެ.

އަދި ބައިނަލްއަގުވާމީ ސިއްހީ މިންގަނޑުތަކުން ކުދިން މަހުރޫމު ކުރުވުމާއި، ދިވެހިރާއްޖޭގެ އަންނަން އޮތް ޖީލަށް ނުރައްކާވާ ފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވައި ފެތުރުމުގެ އިތުރުން، އިންސާނީ ހައްގުތަކަށް ބެލުމެއްނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް ކައިވެނި ކުރުވިކަމަށް ބުނެ ތުއްތުކުދިންނަށް ޖިންސީ ގޯނާކުރުމަކީވެސް ހަރުކަށި ފިކުރު ކަމަށްވެސް އެންސީޓީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟