ޚަބަރު

ހުޅުމާލެ އާ ޕްރީސްކޫލް ހަވާލު ކުރުުމުގެ ބިޑިން ޕްރޮސެސް ކުރިއަށް އެބަދޭ: އެޑިއުކޭޝަން

އިބްރާހިމް ޒަކީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބީލަން ބާތިލު ކުރި، ހުޅުމާލެ ޕްރީސްކޫލްގެ ބިޑިން ޕްރޮސެސް މިހާރު ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ވޭތުވެދި ސަރުކާރުން އިމާރާތް ކޮށް، ރިޔާސީ އިންތިހާބުގެ ތެރޭގައި ކެމްޕެއިން ޖަގަހައެއްގެ ގޮތުގައި ބޭނުންކުރި ހުޅުމާލެ ޕްރީ ސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން އިއުލާން ކުރިއެވެ. ނަމަވެސް އެކަން ކުރިއަށް ގޮސްފައެއް ނުވެއެވެ.

އެހެންކަމުން ބިޑިންގ ޕްރޮސެސް މިހާރު ކުރިއަށް އެ ގެންދަނީ ހަތަރުވަނަ ފަހަރަށް ފުރުސަތު ހުޅުވާލައިގެންނެވެ.

މީގެ ކުރިން މި ސްކޫލު ހިންގައިދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނާ ގުޅިގެން ތިން ފަރާތަކުން ކުރިމަތި ލިއެވެ.

އޭގެ ތެރޭގައި ކެންގަރޫ ކިޑްސް ހިންގާ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ ސްކޫލް ހިންގަމުން އަންނަ ކޮލިޓެޓް އެޑިއުކޭޝަން އާއި މެރިޓައިމް އެކަޑަމީ ނަމަކަށް ކިޔާ ބައެއް ހިމެނެއެވެ.

ނަމަވެސް އެފަހަރު ބީލަމުގެ ޕްރޮސެސްގައި އިސްލާހުކުރަން ޖެހޭ ކަންތައްތައްތަކެއް އުޅޭކަމަށް ބުނެ އޭސީސީން އެ ބީލަން ބާތިލު ކުރިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އާއިޝަތު ނަޖާ ހާލިދު މިއަދު ވިދާޅުވީ، އެ ސްކޫލްގެ ބިޑިން ޕްރޮސެސް މިހާރު ކުރިއަށްއެބަދާ ކަމަށެވެ. ނަމަވެސް އެ ސްކޫލާ ބެހޭ އެހެން މައުލޫމާތުތައް ފަހުގެ ތާރީހެއްގައި ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެ އެކަމާ މެހޭ އިތުރު ތަފްސީލެއް އޮފިޝަލު ނުދެއްވި އެވެ.