ފޮރިން މިނިސްޓްރީ

ބޭރުގައުމެއްގައި ހުންނަވާ ފުރަތަމަ ދިވެހި ކޮންސުލް ޖެނެރަލް އަކަށް އާމިނަތު އަބްދުﷲ އަންޔަން ކުރައްވައިފި

މަރިޔަމް ޝަހުދާ

ބޭރުގައުމެއްގައި ހުންނަވާ ފުރަތަމަ ދިވެހި ކޮންސުލް ޖެނެރަލް އަކަށް އާމިނަތު އަބްދުﷲ ދީދީ މިއަދު އަންޔަން ކުރައްވައިފި އެވެ.

އާމިނަތު އައްޔަން ކުރައްވާފައި ވަނީ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް)ގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ ކޮންސުލް ޖެނެރަލްގެ މަގާމަށެވެ. އާމިނަތަށް "ލެޓަ އޮފް އެޕޮއިންމަންޓް" ހަވާލުކޮށްދެއްވާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

މި މަގާމާއި ހަވާލުވެވަޑައިގަތުމާ ހަމައަށް އާމިނަތު ހުންނެވީ ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސްކެރެޓަރީގެ މަގާމުގައެވެ. އަދި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމާއި، އެހެނިހެން އިތުރު މަގާމުތައް އާމިނަތު ފުރުއްވާފައި ވެއެވެ. ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އާމިނަތު ހާރިޖީ ދާއިރާއަށް ހިދުމަތް ކުރައްވާތާ 17 އަހަރަށްވުރެ ގިނަދުވަސް ވެއްޖެ އެވެ.

އާމިނަތަކީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އިންޑިއާގެ ބެންގަލޫރު ޔުނިވަސިޓީއިން ބެޗްލަސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އާމިނަތު މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޮރިން މިނިސްޓްރީން ރާއްޖެގެ ފަރާތުން ބޭރުގައި ގާއިމުކޮށްފައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ ތެރެއިން އަށް މިޝަނެއް ހިންގަވަން މިހާރު ތިއްބެވީ އަންހެން ބޭފުޅުންނެވެ.