އަންނަ ބުރާސްފަތި ދުވަހު ހިފާ އިރުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު މުސްލިމް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ އިރުކޭތަ ރާއްޖެއަށް ފެނުނު ނަމަވެސް ފުރިހަމަ އިރުކޭތަ ފެނުމުގެ ފުރުސަތު ކުޑަކަމަށެވެ.
މުސްލިމް ވިދާޅުވީ ރާއްޖެއަށް ބުރާސްފަތި ދުވަހުގެ އިރުކޭތަ ފެންނާނީ ހެނދުނު 07:40 އިން ފެށިގެންނެވެ. އަދި 10:30 ގެ ފަހުން އިރުކޭތަ ރާއްޖެއަށް ގެއްލޭނެ ކަމަށެވެ.
އަންނަ ބުރާސްފަތިދުވަހު ރާއްޖެއަށް އިރުއަރާނީ 06:10 ގައެވެ.
މުސްލިމް ވަނީ އިރުކޭތަ ހިފާ ވަގުތު ކޭތަ ބެލުމުގައި ރައްކާތެރިވުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ކޭތަ ހިފާފައި ހުންނަ ވަގުތު ޑައިރެކްޓް ކޮށް އިރަށް ނުބެލުމަށާއި އިރުކޭތަ ބެލުމަށް ރައްކާތެރި ގޮތްގޮތަށް ކޭތަބެލުމަށް އެދިވަޑައިގަތެވެ.
ބުރާސްފަތި ދުވަހު ހިފާ އިރުކޭތަ އަކީ މިއަހަރު ހިފާނެ އެންމެ ފަހު ކޭތައެވެ. މިފަހަރުގެ އިރުކޭތަ ފުރިހަމައަށް ހިފާފައި ހުންނައިރު ދުނިޔެއާއި އިރާއި ދެމެދަށް ހަނދު ވަދެ އިރު ފޮރުވޭނެއެވެ. ނަމަވެސް ފުރިހަމަ އަށް އިރުކޭތަ ހިފާވަގުތު އިރުގެ ބޭރު ފަށަލަ ފެންނާނެ އެވެ. އަދި ފަލަކީ ގޮތުން ކިޔާއުޅޭ "ރިންގ އޮފް ފަޔަރ" ފެނިގެންދާނެއެވެ.
ބުރާސްފަތީގައި ހިފާ އިރުކޭތަ އެންމެ ފުރިހަމަކޮށް ފެންނާނެ ކަމަށް ބެލެވެނީ ސައުދީ އަރަބިއްޔާ، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އޮމާން، އިންޑިއާ އަދި ލަންކާގެ އުތުރު ސަރަހައްދުތަކުގެ އިތުރުން މެލޭޝިއާ، ސިންގަޕޫރު، އިންޑޮނީޝިއާ ސަރަހައްދަށެވެ.
އަވަށްޓެރި ލަންކާ އަށް އިރުކޭތަ ހިފަން ފަށާނީ އެގައުމުގެ ގަޑިން 08:09 އަކުން ފެށިގެން 11:22 އަށެވެ. އަދި ފުރިހަމަ އިރުކޭތަ 09:34 ގައި ލަންކާއަށް ފެންނާނެކަމަށް ބެލެވެއެވެ.
މިއަރު ހިފާ އެންމެ ފަހު ކޭތަ ބުރާސްފިތީގައި ހިފުމަށްފަހު ދެން އިރުކޭތަ ހިފާނީ އަންނަ އަހަރުގެ ޖޫން 21 ގައެވެ. ހަނދުކޭތަ ދެން އެންމެ އަވަހަށް ހިފާނީ ޖެނުއަރީ 10 ގައެވެ.