ޚަބަރު

ޖުުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ޝުޖޫން އައްޔަންކުރައްވައިފި

މަރިޔަމް ޝަހުދާ

ޖުުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި މަގާމަށް ޝުޖޫން އައްޔަން ކުރައްވާފައިވަނީ ޖުޑީޝަލް ސާވިސްގެ ގާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. އެގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި ޖޭއެސްސީގެ މެންބަރުކަމަށް ޝުޖޫނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެމްބަރުކަމަށް ޝުޖޫން އައްޔަން ކުރެއްވި ކަމުގެ ލިޔުން ޝުޖޫން އާއި ހަވާލުކުރެއްވީ ރައީސް ސޯލިހެވެ.

ޝުޖޫނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖޫން އައްޔަން ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.