އިބްރާހިމް ޒަކީ
އަންނަ އޭޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބްގައި ރާއްޖޭގެ ކޮންސިއުލޭޓް ހުންނަ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ 150 މީހުން ވޯޓްލާން ރަޖިސްޓްރީކުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަަމް ރޭ ވިދާޅުވީ ދިވެހި އެންބަސީ ތަކާއި ކޮންސިއުލޭޓް ހުންނަ ގައުމުތަކުގައި، ވޯޓުލާން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ވޯޓު ފޮށި ބަހައްޓާނީ، އެ ފުރުސަތުގައި ވޯޓު ލުމަށް 150 މީހުން ރަޖިސްޓްރީކުރާ ގައުމުތަކުގައި ކަމަށް އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ ވޯޓުލާން ޖަލުތަކުގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖަލުތަކުގައި ވޯޓު ފޮށީ ބަހައްޓާނީ ވެސް ވޯޓުލާން ރަޖިސްޓްރީ ކުރާ މީހުންގެ އަދަދަށް ނިސްބަތް ކޮށެވެ. އެގޮތުން ވޯޓުލާން 15 މީހުން ރެޖިސްޓްރީ ކުރާ ކޮންމެ ޖަލެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އަކުރަން ވިދާޅުވިއެވެ.
ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ 50 މީހުން ރަޖިސްޓްރީ ކުރުމުން ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކާއި އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓް އިއްޔެ ވަނީ އާއްމު ކޮށްފައެވެ.
އަކުރަމް ވިދާޅުވީ އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މިހާތަނަށް ނުވަ ޝަކުވާއެއް އެ ރިޕޯޓަށް ލިބިފައިވާ ކަމަށެވެ.