ޚަބަރު

މަސްތުވާ ތަކެއްޗާއެކު މުލިން މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މ.މުލިން މީހަކު ހައްޔަރުކޮށްފިއެވެ.

މުލީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މުލިން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރު ކުރީ މަގުމަތީ ހުއްޓާ، ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާގެ ގެނެސް ބަލައިފާސް ކުރިއިރު އޭނާ އަތުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ މުލީ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން ފުލުހުން އަންނަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް މާލޭގައިވެސް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން ހުކުރު ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ދެގެއެއް ބަލައި، 19 ފިރިހެނަކާއި ތިން އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސައެވެ. އަދި މިދިޔަ ހަފްތާގައި ފުލުހުން ވަނީ މާލޭގެ ހަތަރު ގެއެއް ބަލައި ފާސްކޮށް، 29 މީހަކު ހައްޔަރުކޮށްފައެވެ.