ޚަބަރު

މޯލްޑިވްސް ބިޒްނަސް އެވޯޑް: އަހަރުގެ ވިޔަފާރިވެރިޔާގެ އެވޯޑު ހައިރައިޒް އިއްސެއަށް

މޯލްޑިވްސް ބިޒްނަސް އެވޯޑް (އެމްބީއެސް)ގައި ދޭ އަހަރުގެ ވިޔަފާރިވެރިޔާގެ އެވޯޑު އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)އަށް ލިބިއްޖެއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019ގެ ގާލާގައި "އެންޓްރަޕުރިނިއާ އޮފް ދި އިޔާ"ގެ އެވޯޑު އިއްސެއާ ހަވާލުކޮށްދެއްވީ ބިޒްނަސް އެވޯޑް އިންތިޒާމްކުރާ ބްލޭޒަން އިންކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހަސަން އަބްދުﷲ ހިލްމީއެވެ.

ބިޒްނަސް އެވޯޑްސްގައި ދޭ އަހަރުގެ ވިޔަފާރިވެރިޔާގެ އެވޯޑު އިއްސެއަށް ލިބުނުއިރު، މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑްސްގައި އިއްސެއަށް ވަނީ ބޯޓިންގް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެވޯޑު ވެސް ލިބިފައެވެ.

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގައުމީ ޖަމިއްޔާއަކަށް ބަދަލުކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި އިއްސެއަކީ ލޭމް އުފެއްދުމަށްފަހު ޖަމިއްޔާގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްއެވެ.

އެ ފަހުން އެ ޖަމިއްޔާގެ ރައީސްކަން ވެސް އޭނާ ކުރެއްވިއިރު ސަރުކާރުން ލޭމް، ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި ބަލައިގަނެ، ޖަމިއްޔާގެ ނަން "ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް" އަށް ބަދަލުކުރި ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގައި ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ވެސް އިއްސެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ޒުވާން ހުނަރުވެރިން ކުރިއެރުވުމުގައި އިއްސެ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ހާއްސަކޮށް ރާއްޖޭގެ ބޯޓިން އިންޑަސްޓްރީގެ ކުރިއެރުމުގައި އިއްސެގެ ދައުރު ބޮޑެވެ.

އެގޮތުން އޭނާ އަންނަނީ މީގެ 15 އަހަރު ކުރިން ފެށިގެން ފްލޯޓިންގެ ނަމުގައި މެގަޒިންއެއް ނެރެމުންނެވެ. މިހާރު ވަނީ ފްލޯޓިން މެގަޒިންގެ ނަން ބަދަލުކޮށް ފްލޯޓިން އޭޝިއާގެ ނަމުގައި ބައިނަލްއަގުވާމީ ފެންވަރުގައި އަހަރަކު ދެ އެޑިޝަން ނެރެން ފަށައިފައެވެ.