ޚަބަރު

ފަނޑިޔާރު ޝުޖާއުއަށް މަރުގެ އިންޒާރުދިން ކަމަށް ބުނެ ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ހައްޔަރުކުރި މީހާ ޝަރުތުކޮށް ދޫކޮށްލައިފިއެވެ.

ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދިނީ ކ. އަތޮޅު މާފުށީގައި ޗުއްޓީގައި ހުންނަވަނިކޮށް އިއްޔެއެވެ. އަދި އެ މައްސަލައިގައި ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރީ ކ. މާފުށި / ވައިޓްޝިޕް އަލީ މުރުތަލާ ނަމަކަށް ކިޔާ މީހެކެވެ.

ނަމަވެސް ފުލުހުން މިރޭ ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި މީހާ ކ. ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދޫކޮށްލަން އަމުރުކުރި ސަބަބެއް ފުލުހުން ނުބުނެއެވެ.

ނަމަވެސް ހައްޔަރުކުރި މީހާގެ ވަކީލު ޝިހާމު ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި އާންމުކޮށްފައިވާ ކޯޓުގެ އަމުރުގައި ބުނާ ގޮތުން، އޭނާ ދޫކޮށްލީ އެ ހާދިސާ ވަގުތު އެކަން ރިޕޯޓް ނުކޮށް، އެއް ދުވަސް ފަހުން ރިޕޯޓް ކުރުމާއި މަންޒަރުދުށް މީހުން ހާދިސާ ވަގުތުން ޕޮލިހަށް ރިޕޯޓުކޮށްފައިނުވާތީއެވެ.

އޭގެ އިތުރުން މަންޒަރުދުށް މީހުންގެ ބަހެއް ހުށަހަޅާފައިނެތުމާއި ބަންދުގައިވާމީހާ އިންކާރުކުރިއިރު އެކަށޭނެ މިންވަރަށް ހެކިލިބިފައިވާ ނުވާ ކަމަށް އޭނާ ދޫކޮށްލަން ކޯޓުން ކުރި އަމުރުގައި ބުނެފައިވެއެވެ.