ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ރ. މަޑުއްވަރީގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ނުވަ ގެއެއްގެ ދިރިއުޅޭ އުމުރުން 18 އަހަރުން ދަށުގެ 20 ކުއްޖެއްގެ ހާލަތު ބަލާފައިވަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ހެނދުން ފެށިގެން "އައްސޭރީ"ގެ ނަމުގައި ފުލުހުންނާއި ސިފައިން އަދި ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިއަދު ވެސް ދަނީ ކުރިއަށެވެ.
ޖެންޑާ މިނިސްޓްރީން މިރޭ ނެރުނު އެ އޮޕަރޭޝަންގައި އެމިނިސްޓްރީގެ ދައުރަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގާނޫނުތަކުންނާއި ރާއްޖެ ބައިވެރިވެފަައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތަކުން މަހުރޫމުކޮށްފައިވޭތޯ ބަލައި އެފަދަ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުން ކަމަށެވެ.
އެގޮތުން އެ މަސައްކަތުގައި މިހާތަނަށް ނުވަ ގެއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ހާލަތުބަލައި، އެކުދިންގެ އާއިލާއާ މަޝްވަރާކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
އަދި އެ ކުރެވުނު މަސައްކަތުން ހަތަރު ކުދިންނަށް ޅަފަތުގައި ދޭންޖެހޭ ވެކްސިން، އާއިލާގެ އެއްބާރުލުމާއެކު ދެވިފައިވާއިރު، އާއިލާ ތެރޭގައި ބަހައްޓައިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނޭ މާހައުލެއް ނެތްކަން ފާހަގަވުމާއެކު އެއް ކުއްޖަކު، އެކުއްޖާގެ އާއިލާގެ ވެށިން މިނިސްޓްރީ މެދުވެރިކޮށް ރައްކާތެރި މާހައުލެއް ފޯރުކޮށްދެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޖެންޑާ އިން ބުނީ، މައިންބަފައިންނާއި އާއިލާގެ އިހުމާލުން ކުދިންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ، ކުދިންނަށް ސިއްހީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ގޮތަކަށް ކުދިންނާމެދު އަމަލުކުރުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.
އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މައިންބަފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމުން ގެންދޭތޯ ބަލަމުން ގެންދާނެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.