ޚަބަރު

އެއް އަހަރުގެ ދަރިފުޅު ދޫކޮށް މަންމަ "ފިލި" މައްސަލައެއް ފުލުހަށް

އުމުރުން އެއް އަހަރުގެ ދަރިފުޅު ދޫކޮށް އެކުއްޖާގެ މަންމަ ދިޔަ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން، އެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފިއެވެ.

ފުލުހުން ބުނީ، ދެކުނު ރަށެއްގައި ދިރިއުޅޭ ދެމަފިރިންގެ ތެރެއިން އަންހެން މީހާ އަމިއްލަ ރަށަށް އެދެ މީހުންގެ އެއް އަހަރުގެ ދަރިފުޅު ގޮވައިގެން ފުރަން އުޅޭތަނުން ހިފަހައްޓާނެ ކަމަށް ބުނެ އަންހެން މީހާ ފުލުހުންގެ އެހީތެރިކަމަށް މިދިޔަ ބުރާސްފަތި ދުވަހު އެދުނު ކަމަށެވެ.

އެގޮތުން އެދެމަފިރިން ހާޒިރުކޮށް ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް އެމަފިރިންނަށް ނަސޭހަތްތެރި ވެފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެދެމީހުންގެ އެއް އަހަރުގެ ކުއްޖާ ދޫކޮށްލައި މަންމަ ފިލާފައިވާ ކަމަށް ފިރިމީހާ ފުލުހުންނަށް ރިޕޯޓު ކުރުމުން އެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި އަދި އިތުރަށް ބެލި ބެލުމުން މިވަގުތު ުއްޖާ ހުރީ ބައްޕަ ކައިރީގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ، ދެކުނުގެ ރަށަކުން ދެމަފިރިންގެ ދެމެދު ގެވެށި އަނިޔާގެ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ.

އެދެމަފިރިންގެ ކުއްޖަކު އެކުއްޖާގެ ބައްޕަ ފަރާތު އާއިލާގެ ހަވާލުގައި ހުރި ކަމަށާއި ކުއްޖާގެ ރައްކާތެރިކަމާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ނަމަވެސް ފުލުހުން ބުނީ، ދެމަފިރިންގެ ތެރެއިން އެއްވެސް މީހަކު އަނިޔާކޮށްގެން އެއްވެސް މައްސަލައެއް މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ.