ހެދި ބުކިންއަށް ދިމާވި މައްސަލައަކާ ގުޅިގެން ހާލުގައި ޖެހުނު ހަންގޭރީގެ އާއިލާއަކަށް ދިވެހި ފުލުހުން އެހީތެރިވެ، އެމީހުންނާމެދު އިހުމާލުވި ފަރާތުގެ މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ތިން މެންބަރުންގެ އެ އާއިލާ ރާއްޖެ އައީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ އާއިލާ ރާއްޖެ އައީ އެޖެންޓެއް މެދުވެރިކޮށް ރިސޯޓަކަށް މިއަހަރުގެ ކުރީކޮޅު ބުކިން ހަދައި ފައިސާ ދައްކައި، އެކަމުގެ ޔަގީންކަން ވެސް ލިބުމުން ކަމަށް އެމީހުންނާ ހަވަލާދީ ފުލުހުން ބުނެއެވެ.
ނަމަވެސް އެމީހުން ބުކިން ހެދި ރިސޯޓަށް އެޖެންޓު ފައިސާ ނުދައްކާ ހުރުމުން ހެދި ބުކިން ކެންސަލް ވެފައިވާކަން އެނގުނީ ރާއްޖެ އައުމުން ކަމަށާއި އެކަން ދިމާވުމުން އެމީހުން އެއާޕޯޓުގައި ތިބޭ ޓޫރިސްޓު ފުލުހުންނަށް އެ މައްސަލަ ހުށަހެޅި ކަމަށް ފުލުހުން ބުނެއެވެ.
އެވަގުތު އެއާޕޯޓުގައި ތިބި ފުލުހުން ކުރި މަސައްކަތުން ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާ ގުޅިގެން އެ މައްސަލަ ހައްލުކޮށް، އެމީހުން އެހެން ރިސޯޓުން ވަނީ ފުރުސަތު ހޯދައިދީފައެވެ.
ފުލުހުން ބުނީ، އެމީހުން ބުކިން ހެދި އެޖެންޓުގެ މައްސަލަ ޓޫރިސްޓު ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.