އެހެން ގައުމެއްގައި ކުރާ ހަނގުރާމައަކަށް ޖިހާދަށް ދާނަމަ އަމިއްލަ ގައުމުގެ ވަލީޔުލްއަމްރުގެ ހުއްދަ ނެތި ޖިހާދަށް ނުދެވޭނެ ކަމަށް މަކްތަބަ ސަލަފިއްޔާ އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކޮށް އިސްލާމިކް މިނިސްޓްރީން ސަސްޕެންޑު ކުރި އެ ޖަމިއްޔާގެ އިލްމުވެރިޔާ މުހައްމަދު ހަސަން ވިދާޅުވީ ގައުމެއްގެ ވެރިޔަކަށް މުސްލިމަކު ހުންނަ ނަމަ، ގައުމުން ބޭރަށް ޖިހާދަށް ދެވޭނީ ގައުމުގެ ވެރިޔާގެ ކިބައިން ހުއްދަ ހޯދައިގެން ކަމަށެވެ. އަދި އެއީ އަނެއް ގައުމުގައި ހިނގަނީ ޝަރުއީ ހަނގުރާމައަކަށް ވާނަމަ އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.
"މުސްލިމް ގައުމެއްގައި ހުރި އެއްވެސް ފަރުދަކަށް ގައުމުން ބޭރުގައި ހިނގާ މިފަދަ ހަނގުރާމަތަކަކަށް ނުދެވޭނެ. އަދި މުސްލިމު ގައުމެއްގައި ތިބި ބަޔަކަށް އެހެނިހެން ގައުމެއްގައި ހިނގަނީ، ބަލަމާ އެއީ ޝަރުއީ ޖިހާދެއް ކަމުގައިވާނަމަ މުސްލިމު ވެރިޔާގެ ހުއްދަ ހޯދައިގެން މެނުވީ ނުދެވޭނެ." މުހައްމަދު ހަސަން ވިދާޅުވިިއެވެ.
ރާއްޖެގައި ވަލީއުލް އަމުރެއް ހުރިކަން މުހައްމަދު ހަސަން ފާހަގަ ކުރެއްވިއެވެ. އަދި އަހަރެމެންގެ ވަލީއުލް އަމުރަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށާއި، ރައީސް ސޯލިހު ހުއްދަ އާއި ނުލާ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އެއްވެސް އެހެން ގައުމަކަށް ޖިހާދު ކުރަން ނުދެވޭނެ ކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ. މިއީ އެޖަމިއްޔާއިން ދައްކާ ވާހަކައެއް ނޫން ކަމަށާއި، އިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކުން ސާބިތުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު ހަސަން ވިދާޅުވީ އިސްލާމް ދީނުގެ ހައްގުތައް ގާއިމު ކުރާނީ މުސްލިމް ވެރިޔާ ނުވަތަ ވެރިޔާ އައްޔަން ކޮށްފައިވާ ފަރާތުން ކަމަށް އަހުލުއް ސުންނަތް ޖަމާއަތް އިއްތިފާގުވެވަޑައިގަންނަވާ ކަމަށެވެ. އަހަރެމެންގެ އަގީދާ އަކީ އެއީ ކަމުގައި މުހައްމަދު ހަސަން ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއަކީ މުސްލިމު ދައުލަތަކަށް ވެފައި، ރާއްޖޭގައި މުސްލިމު ވެރިޔަކާއި މުއައްސަސާތައް ހުރި އިރު އާންމު ފަރުދުންގެ ގޮތުގައި ތިބި ބަޔަކަށް ޖިހާދަށް ދާން ނުބުނެވޭނެ ކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ.
މިކަންކަމަކީ ބާތިލު، ހަރުކަށި ފިކުރުގެ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެޖަމިއްޔާއިން ފެށުނީއްސުރެ މަސައްކަތް ކުރަމުން އައީ ހަރުކަށި ފިކުރާއި ދެކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. ހަރުކަށި ފިކުރަކީ "ދަންނަ އެއްޗެއް ނޫން" ކަމަށާއި، އަބަދުވެސް ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ.