މަކްތަބަ ސަލަފިއްޔާ އަކީ ހަރުކަށި ފިކުރާއި އިންތިހާއަށް ދެކޮޅު ބައެއް ކަމަށާއި ހަރުކަށި ފިކުރުގެ މީހުންގެ ގަބޫލުކުރާ ގަބޫލުކުރުންތައް ގަބޫލު ނުކުރާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
އެޖަމިއްޔާއިން ދީނީ ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ ދެކެވުންދާ ވާހަކައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކޮށް އިސްލާމިކް މިނިސްޓްރީން ސަސްޕެންޑު ކުރި އިލްމުވެރިޔާ މުހައްމަދު ހަސަން ވިދާޅުވީ އެ ޖަމިއްޔާއާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ އޭގައި ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. އަދި އެ ޖަމިއްޔާގެ އިލްމުވެރިންނާއި އަމިއްލަ ނަފްސާ ގުޅުވައިގެން މީހުން ދައްކަމުންދާ ވާހަކަތައް ވަނީ އޭނާ ދޮގު ކޮށްފައެވެ.
މުހައްމަދު ހަސަން ވިދާޅުވީ އޭނާ އަކީވެސް އަދި މަކްތަބް ސަލަފިއްޔާގެ އެންމެންނަކީ ވެސް ހަރުކަށި ފިކުރާއި އިންތިހާއަށް ދެކޮޅު ބައެއް ކަމަށާއި ހަރުކަށި ފިކުރާއި ގުޅޭ އެއްވެސް އެއްޗެއް އުނގަންނައިދިނުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭނެ ގޮތަށް އެ ޖަމިއްޔާގެ އިލްމުވެރިން ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި އެޖަމިއްޔާގެ ވެބްސައިޓުގައި ވެސް އެފަދަ ހަނގުރާމަތަކަށް ދިއުމާ ދެކޮޅަށް ޒިކުރުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަހަރެމެން މިވަނީ މިފިކުރުން ބަރީއަވެގެންކަން މިއަދުވެސް އިއުލާނު ކުރަން. އަހަރެމެން ތާއީދު ކުރަނީ ސައުދީ އަރަބިއްޔާ އާއި މި ދައުލަތްތައް ގުޅިގެން ގޮސް އެމީހުންނާ ހަނގުރާމަ ކުރުމަށް. އެމީހުން ބަލިކަށި ކުރުމަށް،" މުހައްމަދު ހަސަން ވިދާޅުވިއެވެ.
ހައްދުފަހަނަ އަޅަފައިވާ ފިކުރަކީ މި އުއްމަތައް ފާޅުވި އެންމެ ނިރުބަވެރި ފިކުރުކަން ފާހަގަކުރައްވާ އޭނާ އިތުރަށް ވަނީ، މަކްތަބް ސަލަފިއްޔާއިން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ އިރުވެސް ފާޅުކަން ބޮޑު ގޮތެއްގައި ހަރުކަށި ފިކުރައް ގޮވާލާ މީހުންގެ ވާހަކަ މީޑިއާތަކުން ނުގެންނަނީ ކީއްވެތޯ ސުވާލު އުފައްދައިފައެވެ.
ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތުކޮށް މުހައްމަދު ހަސަންގެ އިތުރުން އިތުރު ދެ އިލްމުވެރިއަކަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ރާއްޖޭގައި ދީނީ ތަގުރީރުކުރުމާއި ވައުޟު ބުނުމުގެ ހުއްދަ ބާތިލުކުރީ މިދިޔަ ބުދަ ދުވަހުއެވެ. އެ ހުއްދަ ބާތިލުކުރި އަނެއް ދެ އިލްމުވެރިންނަކީ ނ. ޅޮހި، މަނަދޫގެ، އަބްދުއްރަހީމް މުހައްމަދާއި އައްޑޫ މީދޫ، ދެކުނުގެ، ޖައުފަތު ފާއިޒެވެ.