އިބްރާހިމް ޒަކީ
އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ހާލުބޮޑުވި އަންހެނަކު ރާއްޖެ ގެނައުމުގެ އިންތިޒާމުތަކުގައި ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެހީތެރިވަމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިމަހު އަށްވަނަ ދުވަހު ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑް ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ހާލު ބޮޑުވީ ތ. ގުރައިދޫ، ކީރަންމާގެ އުމުރުން 79 އަހަރުގެ ހައްވާ އަަލީއެވެ. އޭނާގެ ހާލު ބޮޑުވީ، މިމަހުގެ 16 ވަނަ ދުވަހުގެ ރޭ އުމްރާގެ ސައުޔު ކުރުން ފުރިހަމަކޮށް ނިންމުމަށްފަހު ހޮޓަލަށް އަންނަން ހިނގައިގަތް ވަގުތު ސޮފާ މަރުވާގެ ދެމެދު މަގަށް ވެއްޓުމާ ގުޅިގެންނެވެ.
ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑުން ބުނީ، އޭނާ ވެއްޓުމާއި ގުޅިގެން ވަގުތުން މައްކާގެ ނޫރު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކި ކަމަށެވެ. އަދި ވެއްޓުމުގެ ސަބަބުން ހައްވާ އަލީގެ ކަނާތު ފައިގެ އުކުޅުވަޅު ކަށިގަނޑުގައި ރެނދު ލާފައިވުމުން، އޮޕަރޭޝަން ކުރަން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެއެވެ.
ނަމަވެސް ހައްވާ އަލީގެ އާއިލާގެ ނިންމުމާއެކު މައްކާއިން އޮޕަރޭޝަން ނުކޮށް އޭނާ މާލެ ގެންނަން ނިންމައި އެކަން ކުރަމުންދާ ކަމަށާއި އެގޮތުން އެހާލުގައި އޭނާ މާލެ ގެންނަން ޖެހެނީ ސްޓްރެޗު ކޭހެއްގެ ގޮތުގައި ކަމުން އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ޑޮކްޓަރުންގެ ފަރާތުންނާއި ހޮސްޕިޓަލުން ހޯދައި ފުރިހަމަ ކުރުމަށްފަހު އެއާލައިނަށް ހަވާލުކޮށްފައިވާ ކަމަށް ވެސް ޔަލަމްލަމް ގުރޫޕުން ބުނެއެވެ.
އެ ޖަމާއަތުން ބުނީ ހުރިހާ އުމްރާވެރިން އަންނަ ބުދަ ދުވަހު ރާއްޖެ އައުމަށް މައްކާއިން ފުރަންޖެހޭއިރު ވެސް ހައްވާ އަލީއަށް ޖާގަ ލިބިފައިނުވާ ކަމަށެވެ. އެއީ ސްޓްރެޗު ކޭހެއްގެ ގޮތުގައި ހައްވާ މާލެ ގެންނަން ޖެހޭތީ އޭނަ އަންނަންޖެހޭ ސައުދީ އެއާލައިނުން ހަ ސީޓު ބޭނުންވާ ކަމަށް ބުންޏެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު، ހައްވާ އަލީ އާއި އޭނާގެ އާއިލާއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ހައްވާ އަލީ ރާއްޖެ ގެނައުމުގެ އިންތިޒާމު ތަކުގައި އެމްބަސީން އެހީތެރިވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.