ޚަބަރު

އެކަށީގެންވާ ވަރަށް ހެކިނެތް ކަމަށް ބުނެ އިދިކޮޅު މުޒާހަރާއިން ހައްޔަރު ކުރި ހަތަރު މީހެއްގެ މައްސަލަ އަނބުރާ ފޮނުވާލައިފި

އެކަށީގެންވާ ވަރަށް ހެކިނެތް ކަމަށް ބުނެ އިދިކޮޅު މުޒާހަރާއިން ހައްޔަރު ކުރި ހަތަރު މީހެއްގެ މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

މިދިޔަ މަހު 30 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގެ އެކި ސަރަހައްދު ތަކުގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް، ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އަދި ޕީޕީއެމްގެ ދެ ކައުންސިލް މެންބަރުން ކަމަށްވާ ލަތީފާއި އިބްރާހިމް ފައިސަލް އެވެ.

މި ފަސް ބޭފުޅުންގެ ތެރެއިން ފުލުހުން ދައުވާކޮށް ޕީޖީއަށް މައްސަލަ ހުށަހެޅި ހަތަރު މީހެއްގެއެވެ. ނަމަވެސް އެއީ ކޮން ހަތަރު މީހުނެއް ކަމެއް ފުލުހުން ސާފެއް ނުކޮށްދެއެވެ.

ފުލުހުން ބުނީ މި ހަތަރު މީހުންނަށް ދައުވާކުރަން ޕީޖީއަށް މައްސަލަ ހުށަހެޅީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ހަމަނުޖެހުން ހިންގަން މަސައްކަތްކޮށް، އާންމު ޓްރެފިކަށް ދަތިވާ ގޮތަށް އަމަލު ކުރުމުގެ އިތުރުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތުގައެވެ. އަދި ޕީޖީއަށް އެ މައްސަލަ ހުށަހެޅީ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ މިމަހު 16ގައި ޕީޖީ އިން އަނބުރާ ފޮނުވާލާފައިވަނީ ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ މަހު 30ގައި އިދިކޮޅި ކޯލިޝަނުން މާލޭގައި މުޒާހަރާކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލުމަށެވެ. އެ ކޯލިޝަނުން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާފައިވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއްކަމަށް ބުނެއެވެ.