ހައިކޯޓު

ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އިބްރާހިމް ޒަކީ

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރު ކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ކ. މާފުށިން ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދިނީ ކ. އަތޮޅު މާފުށީގައި ޗުއްޓީގައި ހުންނަވަނިކޮށް އިއްޔެ އެވެ.

އިސްފަނޑިޔާރަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އެކަން ކުށްވެރިކޮށް ހައިކޯޓުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، އިސް ފަނޑިޔާރު އަލް އުސްތާޒު ޝުޖާއު އުސްމާނަށް އިއްޔެ، މަރުގެ އިންޒާރުދިން މައްސަލަ ހަރު ކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި މި ކަމަކީ ޖިނާއީ ކުށަކަށް ވާތީ މި އަމަލު ހިންގި ފަރާތް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ވެސް ބުނެފައިވެއެވެ. ހައި ކޯޓުން ބުނެފައިވަނީ އެއްވެސް މީހެއްގެ ހަށިގަނޑާއި ފުރާނަ އަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މަރުގެ އިންޒާރު ދީފައި ވަނީ ފަނޑިޔާރު ޝުޖާއު އިއްޔެ މާފުށީ މެޖިސްޓްރޭޓަރާ އެއްކޮށް ކޮފީއެއްގައި އިންނަވަނިކޮށް އެތަނަށް ދިޔަ މީހަކު ކަމަށާއި އެމީހާ ގޮސް ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި، އެތަނުގައި ހުރި ގޮނޑިއެއް އެއްލައިލާފައިވާ ކަމަށް ވެސް ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.