ޚަބަރު

ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރުދިން ފަރާތް ހޯދައި، ފިޔަވަޅު އެޅުމަށް ހައިކޯޓުުން އިލްތިމާސްކޮށްފި

އިބްރާހިމް ޒަކީ

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރުދިން ފަރާތް ހޯދައި، އެ ފަރާތާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާބެހޭ ފަރާތްތަކަށް ހައިކޯޓުން އިލްތިމާސް ކޮށްފިއެވެ.

ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ކުށްވެރިކޮށް ހައިކޯޓުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، އިސް ފަނޑިޔާރު އަލް އުސްތާޒު ޝުޖާއު އުސްމާނަށް އިއްޔެ، މަރުގެ އިންޒާރުދީފައި ވާތީ އެކަން ހަރު ކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި މި ކަމަކީ ޖިނާއީ ކުށަކަށްވާތީ މި އަމަލު ހިންގި ފަރާތް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ހައި ކޯޓުން ބުނެފައިވަނީ އެއްވެސް މީހެއްގެ ހަށިގަނޑާއި ފުރާނަ އަށް ގެއްލުން ދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައި ގަނެވޭނެ ކަމެއްނޫން ކަމަށެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް "ވަން"އަށް އިއްޔެ ވިދާޅުވީ ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދީފައިވަނީ މާލެއަތޮޅު މާފުށީގައި ޗުއްޓީގައި ހުންނަވަނިކޮށް އިއްޔެ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މަރުގެ އިންޒާރު ދީފައި ވަނީ ފަނޑިޔާރު ޝުޖާއު އިއްޔެ މާފުށީ މެޖިސްޓްރޭޓަރާ އެއްކޮށް ކޮފީއެއްގައި އިންނަވަނިކޮށް އެތަނަށް އައި މީހަކު ކަމަށާއި އެމީހާ އައިސް ވަރަށް ހަޑިހުތުރު ބަހުން އެއްޗިހި ކިޔައި، އެތަނުގައި ހުރި ގޮނޑިއެއް އެއްލައިލާފައިވާ ކަމަށް ވެސް ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.