ލައިފް ސްޓައިލް

ޒުވާނެއްގެ "އަޕާ ކްލާސް" ސީޓު 88 އަހަރުގެ މީހަކާ ބަދަލުކޮށް ހުވަފެން ހަގީގަތަކަށް ހަދައިދީފި

މިންހާ ފާއިޒް ރަޝާދު

ޒުވާނަކު ފްލައިޓުގެ "އަޕާ ކްލާސް" ސީޓު 88 އަހަރުގެ އަންހެނެއްގެ ސީޓާ ބަދަލުކޮށް އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިދީފިއެވެ.

ވާޖިން އެޓްލާންޓިކްގައި މަސައްކަތް ކުރާ ފްލައިޓް އެޓެންޑެންޓެ، ލިއާ އޭމީ، މިވަނީ އޭނާގެ ފޭސްބުކްގައި ފްލައިޓުގައި ހިނގައިދިޔަ މި އިމޯޝަނަލް ވާހަކަތައް ހިއްސާކޮށްފައެވެ.

"ސަތޭކައަށްވުރެ ގިނަ ފްލައިޓުގަ މަސައްކަތް ކުރެވިއްޖެ. ފުޓްބޯޅަ ކުޅުންތެރިންނާ ސުޕަ މޮޑެލްސް އަދި ހޮލީވުޑް ފިލްމު ތަރިންނަށް ހިދުމަތް ކުރުމުގެ ޝަރަފު ވަނީ ލިބިފަ. އެކަމަކު މިއީ އަހަރެންގެ މުޅި ހަޔާތުގައި ދިމާވި އެންމެ ފޭވަރިޓް ދެ ޕެސެންޖަރުން." އޭމީގެ ޕޯސްޓުގައި ޖެކް އަދި ވައިލޮޓް ތައާރަފު ކުރަމުން ލިޔެފައި ވެއެވެ.

ނިއުޔޯކުން ލަންޑަނަށް ދަތުރު ކުރި އެ ފްލައިޓަށް އެރުމުގެ ކުރިންވެސް ޖެކް އާއި ވައިލޮޓް ވަނީ އެއާޕޯޓުގައި ބައްދަލުވެ ގުޅުން ބަދަހިކޮށްފަ އެވެ.

ވައިލޮޓް އަކީ ނިއުޔޯކުގެ ރިޓަޔާ ނަރުހެކެވެ. އޭނާގެ އަންހެން ދަރިފުޅު ކައިރިއަށް ލަންޑަނަށް ދިޔަ އެ ދަތުރު ވެގެން ގޮސްފައިވަނީ އޭނާ އެތައް އަހަރެއްވީ ހުވަފެން ހަގީގަތަކަށް ހަދައިދިން ދަތުރަށެވެ. ޖެކް އަކީ ލަންޑަންގައި ދިރިއުޅޭ މީހެކެވެ. އާއިލީ ދަތުރަކަށްފަހު އޭނާގެ އެފްލައިޓަކީ އެނބުރި ރަށަށް ދިޔުމަށް ކުރި ދަތުރެވެ.

އޭމީގެ ޕޯސްޓުގައި ވާގޮތުގައި ޖެކް އާއި އޭނާގެ އާއިލާ ފްލައިޓުން ގަނެފައިވަނީ "އަޕާ ކްލާސް" ސީޓެވެ. ނަމަވެސް ފްލައިޓަށް އެރުމާއެކު އޭނާ އިކޮނޮމީ ކްލާހަށް ގޮސް ވައިލެޓް ހޯދުމަށްފަހު ގެނެސް އޭނާގެ ސީޓުގައި ބޭންދި އެވެ. ޖެކް ގޮސް އިށީނީ ވައިލެޓް ގެ ސީޓުގައެވެ. އެއީ އެންމެ ފަހަތުގައި ފާހާނާ ބަރި ކައިރީ ހުރި ސީޓެއް ކަމަށްވެސް އޭމީ ބުންޏެވެ.

މުޅި ފްލައިޓު ތެރޭގައިވެސް ޖެކް އިތުރު އެއްވެސް އުނދަގުލެއް ނުކުރާކަމަށާއި އެއްވެސް ޝަކުވާއެއްވެސް ނުކުރާކަމަށް އޭމީ ބުންޏެވެ. އަދި އޭނާ އެގޮތަށް އަމަލު ކުރީވެސް މީހަކު ބުނެގެން ނޫން ކަމުގައި ވެއެވެ.

"ވައިލެޓްގެ ހުވަފެނެއް ކަމަށް ވަނީ އަޕާ ކްލާހުގައި ދަތުރު ކޮށްލުން. އެހެންވެ އެކަން ޖެކް އޭނާއަށް އެކޮށްދިނީ" އޭމީގެ ޕޯސްޓުގައި ވެއެވެ.

ހަތްގަޑިއިރުގެ އެ ފްލައިޓުގައި އަލަށް "އަޕާ ކްލާސް" ގައި ވައިލެޓްގެ ހަރަކާތްތައް އޭމީ ވަނީ ފޮޓޯ ނަގައި ހިއްސާކޮށްފައެވެ.

"ވައިލެޓް ބުނީ އޭނާގެ ދަރިފުޅުވެސް މިކަން ގަބޫލު ނުކުރާނެކަމަށް. އެހެންވެ ސެލްފީއެއް ނަގަން ވެސް އެދުނު. އެކަމަކު އޭނާގެ އަތުގަ ނެތް ފޯނެއްވެސް. އީމެއިލެއްވެސް ނުގެންގުޅޭ ކަމަށްވަނީ. އެހެންވެ މި ފޮޓޯތައް ޕޯސްޓު ކުރީ." އޭމީ ބުންޏެވެ.

އޭމީގެ މި ޕޯސްޓު ވައިރަލް ވެފައިވާއިރު ގިނަ ބައެއްގެ ލޯބި ވަނީ ޖެކްއަށް ލިބިގެން ގޮސްފައެވެ.