މ. ލޮނުމިދިލިގެ ބަލައި ފާސްކުރުމުގެ ތެރެއިން ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ދެ ކުއްޖަކު ދޫކޮށްލައި، ދެން ބާކީ ތިބި މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކުތަކަށް ނިސްބަތްވާ ފަރާތްތަކުން މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ވިއްކަން ބޭނުންކުރާ ގެތައް ރެއިޑުކުރުމަށް ފުލުހުން ފަށައިގެން އުޅޭ އޮޕަރޭޝަންގެ ތެރެއިން، ރޭ ފުލުހުން ވަނީ ލޮނުމިދިލި ގެއިން ޑުރަގާއި ގިނަ އަދަދެއްގެ ފައިސާއާއެކު އަށް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ލޮނުމިދިލި ގެއިން ހައްޔަރުކުރި މީހުންގެ ތެރެއިން، 18 އަހަރު ނުފުރޭ އެއް ކުއްޖަކަށް ކޯޓުން ޝަރުތު ކުރުމަށްފަހު ފަސް ދުވަހަށް ގޭބަންދަށް ދޫކޮށްލާފައިވާ ކަމަށާއި އަދި 18 ނުފުރޭ އަނެއް ކުއްޖާއަށް ކޯޓުން ޝަރުތު ކުރުމަށްފަހު 10 ދުވަސް ގޭބަންދަށް ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެގެއިން ހައްޔަރުކުރި ދެމަފިރިން ކޯޓަށް ގެންގޮސްފައި ނުވަނީ އެދެމީހުންގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާތީ ކަމަށެވެ.
ފުލުހުން ބުނީ ބާކީ ތިބި ހަތަރު މީހުންގެ ބަންދަށް ކޯޓުން ދިހަ ދުވަސް ޖަހާފައިވާ ކަމަށެވެ.
ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ފުރުސަތު މީޑިއާތަކަށް ދިން ރޭގެ އޮޕަރޭޝަނުގެ ތަފްސީލު ހާމަކުރަމުން ފުލުހުން ބުނީ، އެގެއިން ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިންނާއި އަންހެނަކު ވެސް ހިމެނޭ ކަމަށެވެ. ދެން ހިމެނެނީ ދެ ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.
އެގެއިން މަސްތުވާތަކެތި ހުރި 20 ރަބަރު ޕެކެޓް ފެނިފައިވާ އިރު، ގިނަ އަދަދެއްގެ ފައިސާ ފުލުހުން ވަނީ ހޯދައިފައެވެ. ފުލުހުން ބުނީ، އެ ފައިސާތައް ފެނުނީ ހައްޔަރުކުރި ކުޑަކުދިންތައް ދިރިއުޅޭ ކޮޓަރި ތެރެއިން، އެތަނުން އެއް ކުއްޖެއްގެ ވޮލެޓު ތެރެއިން ކަމަށެވެ.