ޚަބަރު

ހައިކޯޓުގެ އިސް ފަނޑިިޔާރު ޝުޖާއުއަށް މަރުގެ އިންޒާރު ދީފި

އާނިފާ ހުސެއިން ސިރާޖް

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރުދީފިއެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް "ވަން"އަށް ވިދާޅުވީ ފަނޑިޔާރު ޝުޖާއުއަށް މަރުގެ އިންޒާރުދީފައިވަނީ މާލެއަތޮޅު މާފުށީގައި ޗުއްޓީގައި ހުންނަވަނިކޮށް މިއަދު ކަމަށާއި އެ މައްސަލަ މިިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މަރުގެ އިންޒާރު ދީފައިވަނީ ފަނޑިޔާރު ޝުޖާއު މިއަދު މާފުށީ މެޖިސްޓްރޭޓަރާ އެއްކޮށް ކޮފީއެއްގައި އިންނަވަނިކޮށް އެތަނަށް އައި މީހަކު ކަމަށާއި އެމީހާ އައިސް ވަރަށް ހަޑިހުތުރު ބަހުން އެއްޗިހި ކިޔައި، އެތަނުގައި ހުރި ގޮނޑިއެއް އެއްލައިލާފައިވާ ކަމަށް ވެސް ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"މާފުށީ މެޖިސްޓްރޭޓާ އެއްކޮށް ކޮފީއެއްގައި އިންނަވަނިކޮށް އެކަމެއް ހިނގީ. މިހާރު ވާނީ ފުލުހުންނަށްވެސް އިންފޯމުކޮށްފައި. ފުލުހުންނަށް އެނގޭނެ އެއީ ކާކުކަންވެސް، މިހާ ކުޑަކުޑަ ރަށެއްގައި." ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.