ފިރިހެނަކާއި ތިން ކުދިން ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިފައިވާ ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އދ. މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރަމުންދަނިކޮށް ޑިންގީ ގެއްލުނު ހާދިސާއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެ އުޅަނދު ލޮކޭޓް ކުރެވިފައިވާ ކަމަށެވެ.
މާމިގިލިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް، ވިއްސާރަ ވެހުމާއެކު ދެވޭ ނުދެވޭ ދިމާއެއް ނޭނގިގެން ދަތުރުކުރެވުނީ ކަމަށް ދުއްވަން ހުރި ފަރާތުން ކޯސްޓްގާޑަށް މައުލޫމާތުދޭ ކަމަށާއި ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މިހާރު އެ ޑިންގީ ފީއައްޔަށް ދަތުރުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކާނަލް ސަލީމް ވިދާޅުވީ އެ ޑިންގީގައި ތިބި ކުދިންގެ ހާލު ރަނގަޅު ކަމަށާއި ސިއްހީ ހާލަތު އިތުރަށް އެނގޭނީ ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށްފަހު ކަމަށެވެ. އަދި މޫސުން ގޯސް ދުވަސްވަރު އެފަދަ ކުދި އުޅަނދުފަހަރުގައި ދަތުރުނުކުރުމަށް ވެސް އޭނާ އިލްތިމާސްކުރެއްވިއެވެ.
"ހާއްސަގޮތެއްގައި ފާހަގަކޮށްލަން ބޭނުންވަނީ މިވަގުތަކީ ވެސް މެދުރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެވިފައި އޮތް ވަގުތެއް. ހާއްސަގޮތެއްގައި މިކަހަލަ ކުދިކުދި ޑިންގީގައި ދަތުރުކުރާ އިރު، މީގެ ކުރިން ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކޮށްފައި އޮންނާނީ ލައިފް ޖެކެޓް އެޅުމާއި މިކަންކަން ފުރިހަމަކުރުމަށް. ހާއްސަކޮށް މިފަދަ ކުދިކުދި އުޅަނދުގައި ދަތުރަށް ފަށާއިރު މޫސުމަށް ބަލައިގެން ނޫނީ ދަތުރު ކުރިއަށްނުގެންދިއުން އެއީ އަޅުގަނޑުމެން އަބަދުވެސް އިލްތިމާސްކުރަމުން އަންނަ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ކާނަލް ސަލީމް ވިދާޅުވީ މެޓް އޮފީހުން ވެސް ވަރަށް ތަފުސީލުކޮށް އެލާޓުތައް ނެރެމުންދާ ކަމަށާއި އެލާޓްތައް ނެރެފައި އޮންނަ އިރު، މިފަދަ ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިކަހަލަ ކަމެއް ދިމާވެގެން، މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެ ނަމަ، އެމީހަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ މިކަންކަމާ ދޭތެރޭގައި މިހާރަށްވުރެ ތަންކޮޅެއް ބޮޑަށް ސަމާލުކަން ދީގެން މީހެއްގެ ފުރާނައަށް ނުރައްކާ ނުވާ ގޮތަށް ސަލާމަތާއި ރައްކާތެރިކަމާއެކީ މި ޗުއްޓީގެ ތެރޭގައި ކަންކަން ގެންދިއުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ ޑިންގީ ފެނިފައިވަނީ ފ. ހިމިތީ ތިން މޭލު ބޭރުން މިރޭ 8:10 ހާއިރު ކަމަށާއި ޑީންގީގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.
ފީއަލީ، ޑޭޒީމާގޭ، ރަނާ އަހުމަދުއާ ކައިވެނިކޮށްގެން ފީއަލީގައި ދިރިއުޅޭ މާމިގިލީ، މުހައްމަދު މޫމިނު (މޯޑް) ނަމަކަށް ކިޔާ މީހެކެވެ. މުހައްމަދުގެ އާއިލާ ދިރިއުޅެނީ މާމިގިލީގައެވެ. މުހައްމަދު މާމިގިއްޔަށް ދިޔައީ ޗުއްޓީއަށް އެރަށަށް ގޮސް ހުރި އޭނާގެ ނުވަ އަހަރުގެ އަންހެން ދަރިފުޅު، ނަދުވާ މުހައްމަދު ބަލައެވެ. މުހައްމަދު މާމިގިއްޔަށް ދިޔަ އިރު، އޭނާއާ އެކު އޭނާގެ 12 އަހަރުގެ ދަރިފުޅު ނައިޝަމް މުހައްމަދާއި އޭނާގެ އަންހެނުން، ރަނާގެ ކޮއްކޮ މިފްޒާލް އަހުމަދު (14އ) ވެސް މާމިގިއްޔަށް ދިޔައެވެ.
އެ ތިން ކުދީން ގޮވައިގެން އެނބުރި ފީއްޔަށް އަންނަން ފުރުމުގެ ކުރީން، ޑިންގީގެ ވެރިމީހާ، ހަލީލު އަށް މޯޑު ފޯނުން ގުޅި ކަމަށްވެ އެވެ. އަދި އެ ވަގުތު ކަނޑު ގަދަ ކަމުން ނުފުރަން ހަލީލު އެދުނު ކަމަށް، ފީއަލިން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
"ވަން"އާ ވާހަކަދެއްކި ފީއަލީ މީހަކު ބުނީ، އެ ޑިންގީގައި އަޅާފައި ހުންނަނީ 25 ހޯސްޕަވަރުގެ ކުޑަ އިންޖީނެއް ކަމަށާއި އެ ޑިންގީގައި ލައިފް ޖެކެޓެއް ވެސް އަދި ބައްތިއެއް ފަދަ އެއްޗެއް ވެސް ނޯންނާނެ ކަމަށެވެ. މަތި ހިޔާ ނުކޮށް އޮންނަ އެ ޑިންގީގެ އަރިމަތީގައި އިށީނދެވޭ ގޮތަށް ސީޓު ޖަހާފައި ހުންނަ ކަމަށް އޭނާ ބުންޏެވެ.
"އަނެއްކާ އަރިޔަދޫ ކަނޑަކީ ވަރަށް ގަދަ ކަނޑެއް. ވަރަށް ގަދަޔަށް ބާނި ވެސް ދަމާ ކަނޑެއް. މިރަށުން ހައެއްކަ ގަނޑެތި އޭރުއްސުރެ ކަނޑަށް ނުކުމެ އެބަ އުޅޭ. އެމީހުން ވެސް އެބަ ބުނޭ ދުއްވާލަން ވެސް ނުކެރޭ ކަމަށް. ކަނޑު އެހާ ގަދަ ކަމަށް." ވަން އާ ވާހަކަ ދެއްކި ފީއަލީ މީހާ ބުންޏެވެ.