ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ހިންގަމުން އަންނަ އޮޕަރޭޝަނުގައި، ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު އެކުއްޖާގެ މައިންބަފައިންގެ އަތުން ނަގައިފިއެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަން "އައްސޭރި" އާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރުކުރި އާއިލާއަކަށް، ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ހާޒިރުގައި ތަކުރާރުކޮށް ނަސޭހަތްދީފައިވާ ކަމަށާއި ނަމަވެސް އެ އާއިލާއިން ނަސޭހަތް ގަބޫލުނުކޮށް އެކަންކަމަށް އިންކާރުކުރުމާ ގުޅިގެން އެ އާއިލާއަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު އެކުއްޖާގެ މައިންބަފައިންގެ އަތުން ނަގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ނެގުމަށްފަހު ހަވާލުކޮށްފައިވަނީ އެ ކުއްޖާގެ ބޮޑުދައިތައާ ކަމަށެވެ.
ފުލުހުންގެ ނޫސްބަޔާނުގައި އިތުރަށް ބުނީ، މަޑުއްވަރީގެ އިތުރު ދެ ގެއެއް ބަލައިފާސްކުރުމުގެ މަސައްކަތް މިއަދު ކުރަމުން އަންނަ ކަމަށާއި އަދި ތަހުގީގުގެ ބޭނުމަށް މީހުން ހާޒިރުކޮށް ސުވާލުކުރުމުގެ މަސައްކަތްވެސް މިހާރު ފެށިގެން ކުރިއަށްގެންދާ ކަމަށެވެ.
އޭގެ އިތުރުން، އިއްޔެވެސް ފުލުހުން ވަނީ އެ އޮޕަރޭޝަންގެ ތެރެއިން، ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާއަކަށް ނަސޭހަތްދީ، އެ އާއިލާގެ ތިން ކުއްޖަކަށް ވެކްސިން ދީފައެވެ.
ފުލުހުން ބުނީ މިހާތަނަށް މަޑުއްވަރީގެ ޖުމްލަ ހަތް ގެއަކާއި އެއް ދޯނި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ވަނީ ތިން މީހުން ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ދިހަ ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އެ ތިން މީހުންނަކީ 30 އަހަރާއި، 34 އަހަރާއި އަދި 29 އަހަރުގެ ދިވެހި ފިރިހެނުން ކަމަށާއި އެމީހުން ދިރިއުޅޭ ތަންތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި އަދި ސައްހަ ނޫން ކަމަށް ބެލެވޭ ކައިވެނީގެ ސެތްފިކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.