ޚަބަރު

ހައްޔަރުގައި ހުރީ ގާސިމްގެ ގާތިލު، އޭނާ ވަނީ އެކަމަށް އިއުތިރާފުވެފައި: ހަމީދު

1

ދާދި ފަހުން ހުޅުމާލޭގައި ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ހައްޔަރުގައި ހުރީ ގާސިމްގެ ގާތިލު ކަމަށާއި އެކަމަށް އިއުތިރާފުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އދ. މާމިގިލީ، ގާސިމް ހަސަން، 59އ ގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެރޭގައެވެ. އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.

ޕޮލިސް ކޮމިޝަނަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމްގެ ގާތިލު އެވަގުތު ލައިގެން ހުރި އަންނައުނު ހޯދާފައިވާ އެ އެއްޗެހި ހޯދާފައިވަނީ ގާސިމް މަރާލި ސަރަހައްދުގައި ފޮރުވާފައި ހުއްޓައި ކަމަށެވެ. އަދި އިތުރު ހެކި ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ގާސިމްގެ ގާތިލުކަން ކަށަވަރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި ރޭ ހައްޔަރުކުރި އެ މީހާ، ގާސިމް މަރާލި ކަމަށް އިއުތިރާފުވެ، ތަހުގީގު ކުރިއަށްގެންދިއުމަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ހަމީދު އިތުރަށް ވިދާޅުވީ ގާސިމްގެ ގާތިލު ހޯދުމުގައި ފޮރެންސިކް ހެކިތައް ބޮޑު ދައުރެއް އަދާކުރި ކަމަށާއި އެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިފެށޭ ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކޮމިޝަނަރު ހަމީދު ވަނީ، ގާސމުގެ ގާތިލުންގެ ފިންގަ ޕުރިންޓު އަދި މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައިވާކަން ހާމަކުރައްވައިފައެވެ.

ހަތިޔާރު ފެނުނީ ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރު ފެނިފައި ވަނީ އޭނާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދާ 300 މީޓަރު ދުރުން ގަސްތަކުގެ ތެރެއިންނެވެ. އަދި ގާތިލާ ހަމައަށް ވާސިލުވުމަށް ފުލުހުންގެ ޓީމުން ގާސިމު އެދުވަހު ދުއްވި ޓެކްސީގެ ހަރަކާތްތައް ބެލުމަށް ސީސީޓީވީގެ ގިނަ ފުޓޭޖުތަކެއް ވެސް ބަލާފައިވަކަން އެދުވަހު ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟