ޚަބަރު

ތިން ކުޑަކުދިންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ގެއްލިގެން ހޯދަނީ

ފިރިހެނަކާއި ތިން ކުޑަކުދިންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އދ. މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރަމުންދިޔަ 20 ފޫޓުގެ ޑިންގީއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހަވީރު 4:53 ހާއިރު ކަމަށާއި އެ ޑިންގީގައި ތިބީ ފިރިހެނަކާއި ތިން ކުޑަކުދިން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެ ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ މިއަދު މެންދުރުފަހު 2:30 ހާއިރު މާމިގިލިން ފުރައިގެން ފީއައްޔަށް ދަތުރުކުރި ޑިންގީއެއް ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ގެއްލުނު ޑިންގީން ދަތުރުކުރަމުންދިޔައީ 18 އަހަރުންދަށުގެ ތިން ކުދިންނާއި ފިރިހެނެއް ކަމަށެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ ޑިންގީން ދަތުރުކުރަމުންދިޔައީ ނުވަ އަހަރުގެ ކުއްޖަކާއި 11 އަހަރުގެ ކުއްޖެއް އަދި 13 އަހަރުގެ ކުއްޖެކެވެ. އެ ޑިންގީއަކީ ފިޔާތޮށި ކުލައިގެ މަތި ހިޔާނުކުރާ ޑިންގީއެއް ކަމަށާއި އެ ޑިންގީ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ ޑިންގީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، 119 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.